ގދ. ތިނަދޫން ކޮވިޑް 19އަށް ޕޮޒިޓިވްވި މީހަކީ އިއްޔެ އިދިކޮޅު ޕްރޮގްްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި އިހުތިޖާޖުގައި ބައިވެރިވި މީހެއް ނޫން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިހެން ބުނެފައި މިވަނީ ތިނަދޫން ޕޮޒިޓިވްވި މީހާއަކީ އިއްޔެ އިދިކޮޅު ފަރާތްތަކުން ބޭއްވި އިހުތިޖާޖުގައި ބައިވެރިވި މީހެއް ކަމަށް ބުނެ ބައެއް މީޑިއާތަކުގައި އެކަން ރިޕޯޓު ކޮށްފައި ވަނިކޮށެވެ.

އިއްޔެ ޕްރޮގްރެސިވް ކޯލިޝަނުން ވަނީ "ރާއްޖެ ވިއްކާލުމާ ދެކޮޅަށް"ގެ ނަމުގައި މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައި އިހުތިޖާޖުކޮށްފައެވެ.

ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، ތިނަދޫން ޕޮޒިޓިވްވި މީހާއަކީ މުޒާހަރާގެ ބައިވެރިއެއްކަން އެނގިފައި ނުވާ ކަމަށާއި އެރަށުގައި ކުރިއަށްގެންދިޔަ އިހުތިޖާޖު ކުރިއަށް ގެންދިޔައީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށް ގައިދުރުކޮށް މާސްކުވެސް އަޅައިގެން ކަމަށެވެ.

"ޕޮޒިޓިވްވި ފަރާތަކީ އިއްޔެގެ އިހުތިޖާޖުގައި ބައިވެރިވި ފަރާތެއް ނޫންކަމަށް ތިނަދޫ ޓީމުން މައުލޫމާތުދޭ." ހީނާ ވިދާޅުވިއެވެ.

އެޗްޕީއޭ އިން ބުނީ، ތިނަދޫން ޕޮޒިޓިވްވެފައިވަނީ އެރަށު ބޯޓެއްގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ އުމުރުން 68 އަހަރުގެ ފިރިހެނެކެވެ.

އެމީހާ ޕޮޒިޓިވްވުމުން ތިނަދުއަށް މިހާރު ވަނީ އަރައި ފޭބުން މަނާކޮށްފައެވެ.