ޚަބަރު

ޑރ. މުހައްމަދު އަލީގެ މެސެޖެއް ސިއްހީ ހިދުމަތްތެރިންނަށް، އުންމީދު ކަނޑާނުލާ!

އަލީ ޔާމިން

މާލޭ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑު 19 ފެތުރެމުންދާ އިރު، އަދި އަތޮޅުތެރޭގެ ބައެއް ރަށްރަށުންވެސް ކޮވިޑް ކޭސްތައް ފެނިފައިވާ މި ދަތި އުނދަގޫ ހާލަތުގައިވެސް ހިތްވަރު އެލުވައި ނުލުމަށާއި އުންމީދު ކަނޑައިނުލުމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އަދި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް ޑރ. މުހައްމަދު އަލީ ސިއްހީ ހިދުމަތްތެރިންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ޑރ. މުހައްމަދު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށުގައި ކޮވިޑު ފެތުރުނަސް އެކަމާ ސިއްހީ ހިދުމަތްތެރިން ޖެހިލުންވެ ބިރުގަނެގެން ނުވާނެ ކަމަށެވެ. އަދި ބަލި މީހުންނަށް ފަރުވާދޭއިރު ފުރިހަމަ ޕީޕީއީ އަޅައިގެން، ގައިދުރުކަމުގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް އޭނާ ވަނީ ސިއްހީ ހިދުމަތްތެރިންނަށް އިލްތިމާސްކުރައްވައިފައެވެ.

"ސިއްހީ ހިދުމަތްތެރިންނަށް ގިނަ ފަހަރު ބަލި މިޖެހެނީ ޕީޕީއީ އެޅުމުގައި ފަރުވާ ކުޑަކުރެވުމުގެ ސަބަބުން. ހާއްސަކޮށް ބްރޭކް ގަޑީގައި ޕީޕީއީ ނާޅައި އުޅުމުން. އެހެންކަމުން ހޮސްޕިޓަލުގައި އުޅޭ ހުރިހާ ވަގުތެއްގައި ސާޖިކަލް މާސްކާއި ފޭސް ޝީލްޑު އަޅަން ޖެހޭ،" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ބަލި މީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަކީ ސިއްހީ ހިދުމަތްތެރިންގެ ޒިންމާއެއް ކަމަށާއި އެހެންކަމުން އުންމީދު ކަނޑާނުލުމަށް ސިއްހީ މާހިރުންގެ އަރިހުން އެދޭ ކަމަށެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ މުސްތަފާ ވަނީ ސިއްހީ ހިދުމަތްތެރިން، ހާއްސަކޮށް ނަރުހުން މިހާރު ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ އިރު، ބަލި މީހުންނަށް ފަރުވާ ދިނުމަށް އިންސާނީ ވަސީލަތް އިތުރަށް ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.