ކުރީ ސަރުކާރުން ހިޔާ މަޝްރޫއުގެ ދަށުން ފުލެޓު ދޭނެ ކަމުގެ ޔަގީންކަން ދިން މީހުންގެ ތެރެއިން މި ސަރުކާރުން ބާކީ ކުރި މީހުންނަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަރުކާރުން ފުލެޓު ދިނުމުގައި އިސްކަންދޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ރައީސް ޔާމީނުގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން ފުލެޓު ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާ މީހުންގެ ތެރެއިން މި ސަރުކާރުން މަގުމަތި ކުރި މީހުންނަށް، ޕީޕީއެމްގެ ސަރުކާރެއްގައި އެކަމަކަށް އެންމެ އިސްކަން ދީގެން، އެމީހުންނަށް ބޯހިޔާވަހިޔަން ޔަގީންކޮށްދޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މި ސަރުކާރުން ފުލެޓުތަކުގެ މަސައްކަތް ކޮށްފައިވަނީ ވަރަށް ދޯދިޔާކޮށް، އެއްވެސް ޒިންމާދާރު ކަމެއް ނެތި ކަމަށް ޑރ. މުއިއްޒު ތުހުމަތުކުރެއްވިއެވެ. އެގޮތުން ފުލެޓަށް ކުރިމަތިލީ މީހުންގެ ހާލަތު ބެލުމުގެ ނަމުގައި އަހަރަކަށްވުރެ ގިނަ ދުވަސް ހޭދަކުރި އިރު، ހާލަތު ބަލާފައިވަނީ އެކަން ކުރަން ޖެހޭ އުސޫލަށް ނޫން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި ކުރިން ފުލެޓު ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާ މީހުންގެ ތެރެއިން އެތައް ބައެއްގެ ދިރިއުޅޭ ހާލަތު ބެލުމަށް އެ ގޭގެއަށް ގޮސްފައި ނުވާ ކަމަށް ޑރ. މުއިއްޒު ތުހުމަތުކުރެއްވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ ހާލަތު ބެލުމުގެ ނަމުގައި ބައެއް ގޭގެއަށް ދިޔައިރު ކަން ކޮށްފައި ހުރީ އެކަން ކުރަން ޖެހޭ ގޮތަށް ނޫން ކަމަށެވެ. އެގޮތުން ގޭގެއަށް ގޮސް، ގޭގެތެރެއަށް ނުވަންނަ ކަމަށާއި ގޭތެރޭގައި ރައްޔިތުން އުޅޭ ހާލަތު ނުބަލާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ހާލަތު ބެލުމުގެ ނަމުގައި ގޭގެއަށް ގޮސް މައިގަނޑު ގޮތެއްގައި އަހައިލަނީ ދިރިއުޅޭ ތަނުން ފެން ލީކު ވޭތޯ ނުވަތަ އެތަނުގައި ރެނދުލާލައިވޭތޯ ފަދަ ދެތިން ސުވާލެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި ބައެއް ގޭގޭގައި ފަޔާ އެގްޒިޓް ހުރިތޯވެސް ސުވާލު ކުރި ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"ގިނަ ރައްޔިތުން މިއުޅެނީ އުޅޭނެ ގޮތެއް ނެތީމަ އާއިލާގެ އެންމެން އާމްދަނީ އެއްކޮށްލައިގެން، ޕޫލު ކޮށްލައިގެން، ނުފޯރާ ފޮތިން ފޫގަޅައިގެން ތަންތަން ބޮޑުއަގުގައި ހިފައިގެން, ހަދާފައި ހުރި އާ އިމާރާތްތަކުގައި ކުއްޔަށް ހިފައިގެން މިއުޅެނީ. ދެން ގޮސް މި ވަންނަނީ އެތަނަށް ހާލަތު ބަލަން ކަމަށް. ވަންނަ އިރު އެތަން އާކޮށް ހުރީމަ، އެތަނުގައި ރެނދެއް ނެތީމައި، އެތަނުގައި ފެން ލީކުވާ ތަންކޮޅެއް ނެތީމާ އެއީ ވަރަށް މުއްސަނދި ދިރިއުޅުމެއް އުޅެ މީހެއް ކަމަށް މިވަނީ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ މިއީ އެއްވެސް ހާލަތެއްގައި ކަން ހިނގަންވީ ގޮތް ނޫން ކަމަށާއި ކުރީ ސަރުކާރުން ހާލަތު ބަލައި ނިންމައި، ހާލަތު ބެލުމުގެ މަސައްކަތުގައި ހުރި ލިޔެކިޔުންތަކަށް ބަލާ އެކަމުގެ ބަޔާން ހުށަހަޅައި، ދިގު މަރުހަލާއެއްގެ ތެރެއިން މިކަމާ ގުޅޭ ހުރިހާ މަރުހަލާއެއް ނިންމާފައިވާނެ ކަމަށެވެ. އަދި އެ ނިންމުން ރިފާ ކުރާނެ ރަސްމީ ލިއުމެއް ގެޒެޓުކޮށްފައިވާނެ ކަމަށާއި ނިންމާފައިވާ ހުރިހާ ނިންމުންތައް ނިންމާފައިވާ ގޮތާ މެދު ސުވާލުކުރެވޭނެ ޖާގައެއް ނެތް މިންވަރަށް، އެ ނިންމުންތަކަށް ރިފާ ކުރެވޭނެ ލިޔުންތައް ގެޒެޓުގައި ހުންނާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވަނީ މި ސަރުކާރުން ފުލެޓުތަކުގެ ކަންކަން ނިންމާފައިވަނީ ވަރަށް ބޭއިންސާފުން، ވަރަށް އަނިޔާވެރިކަމާއެކު، ގާނޫނީ އެއްވެސް ހަމައެއްގެ މައްޗަށް ބިނާނުކޮށް ކަމަށް ތުހުމަތުކުރައްވައިފައެވެ. އަދި މިކަމުގައި ރައްޔިތުން ކުރަން ބޭނުންވާ ކޮންމެ ކަމެއްގައި ޕީޕީއެމް/ޕީއެންސީ އިން ރައްޔިތުންނަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު