އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ސައިކަލް ބުރުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މިންގަނޑުތަކާ ހިލާފުވި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މިއަދު ބޭއްވި ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ގައިދުރުކަން ނުބަހައްޓައި ހަރަކާތްތެރިވުމާއި މާސްކު ނާޅައި އުޅެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.
މިއަދު ހަވީރު މާލޭގައި ގިނަ އަދަދެއްގެ ޒުވާނުންނާއި އިދިކޮޅު ކޯލިޝަންގެ ގިނަ ފަރާތްތަކެއް ބައިވެރިވެ، ބޭއްވި ސައިކަލު ބުރުގައި ގިނަ ބަޔަކު ތިބީ މާސްކު އަޅައިގެނެވެ. ނަމަވެސް ގައިދުރުކަމެއް ނެތެވެ. ފުލުހުންވެސް މިއަދުގެ ސައިކަލު ބުރަށް ހުރަސް އަޅައި، ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވެއެވެ.
އެސައިކަލް ބުރުގައި ބައިވެރިން ތިބީ ރާއްޖެ ވިއްކާލުމާ ދެކޮޅަށް އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެނެވެ. އަދި ބައިވެރިން ދިޔައީ ކުރީގެ ރައީސް އަބުދުﷲ ޔާމީން މިނިވަން ކުރުމަށްވެސް ގޮވާލަމުންނެވެ.
ސައިކަލް ބުރުގައި ޕީޕީއެމް އާއި ޕީއެންސީގެ އިސް ބައެއް ބޭފުޅުންވެސްބައިވެރިވެފައިވެއެވެ. އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ޕީޕީއެމްގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު އަދި ޕީއެންސީގެ ނާއިބް ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މާލެ ވަށާ ބޮޑުތަކުރުފާނު މަގުން ސައިކަލު ބުރު ކުރިއަށް ގެންގޮސް، މަޖީދީމަގުންވެސް ސައިކަލް ބުރު ކުރިއަށް ގެންގޮސްފައިވެއެވެ. ސައިކަލް ބުރު ނިންމާލާފައިވަނީ ޕީޕީއެމްގެ އޮފީސް ކުރިމައްޗަށެވެ. އެސައިކަލު ބުރު ނިންމާލުމަށްފަހު ޕީޕީއެމްގެ އޮފީސް ކުރިމަތީ ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ވާހަކަ ދައްކަވައިފައެވެ.
"ރާއްޖެ ވިއްކާލުމާ" ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް މިއަދު ވަނީ މުޒާހަރާ ކޮށްފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް