ޕައުލް ޕޮގްބާ

ޕޮގްބާ ކޮވިޑަށް ޕޮޒިޓިވްވުމުން ފްރާންސްގެ ސްކޮޑުން ބާކީކޮށްފި

މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ކޮވިޑަށް ޕޮޒިޓިވްވުމުން ފްރާންސް ގައުމީ ސްކޮޑުން ބާކީކޮށްފިއެވެ.

އުމުރުން 27 އަހަރުގެ މިޑްފީލްޑަރު ޕޮގްބާއަށް ވަނީ ޔޫއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އާއި ސްވިޑަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ފްރާންސްގެ ސްކޮޑުން ޖާގަ ދީފައެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވުމުން މިހާރު އޭނާ ވަނީ ފްރާންސްގެ ސްކޮޑުން ބާކީކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ފްރާންސްގެ ކޯޗު ޑިޑިއާ ޑެޝޯމްޕްސް ބުނީ އެންމެ ފަހު ވަގުތު ސްކޮޑަށް ބަދަލެއް ގެންނަން ޖެހިފައިވާ ކަމަށާއި ޕޮގްބާ ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާގެ ބަދަލުގައި ރެނޭސްގެ ޒުވާން މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާއަށް ސްކޮޑުން ޖާގަ ދީފައިވާ ކަމަށެވެ.

ޕޮގްބާގެ ބަދަލުގައި އުމުރުން 17 އަހަރުގެ މިޑްފީލްޑަރު ކަމަވިންގާއަށް ސްކޮޑުން ޖާގަދީފައިވާ އިރު، ޓޮޓެންހަމް ހޮޓްސްޕާގެ މިޑްފީލްޑަރު ޓެންގުއޭ އެންޑޮމްބެލޭ ވަނީ ސްކޮޑުން ބާކީކޮށްފައެވެ.

ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ޕޮގްބާ 14 ދުވަހު އައިސޮލޭޝަނުގައި ހުންނަން ޖެހޭނެއެވެ. އެހެންކަމުން އޭނާއަށް މެންޗެސްޓާ ޔުނައިޓެޑުގެ ޕްރީ ސީޒަން ތައްޔާރީތަކުގައި ބައިވެރިއެއް ނުވެވޭނެއެވެ. ޔުނައިޓެޑުގެ ޕްރީ ސީޒަން ތައްޔާރީތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ ތެރޭގައެވެ.

ޕޮގްބާއަށް ޕްރީ ސީޒަން ގެއްލުނު ނަމަވެސް، އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑު ކުޅޭ ފުރަތަމަ މެޗުގައި އޭނާއަށް ބައިވެރިވެވޭނެއެވެ. އަންނަ މަހުގެ 19 ވަނަ ދުވަހު ކުޅޭ އެ މެޗުގައި ޔުނައިޓެޑު ނުކުންނަން ޖެހޭނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.

ޔޫއެފާ ނޭޝަންސް ލީގުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަންނަ މަހުގެ ފަސްވަނަ ދުވަހު ސްވިޑަންއާ ދެކޮޅަށް ނުކުންނާނެއެވެ. އަދި އަންނަ މަހުގެ އަށްވަނަ ދުވަހު ފްރާންސް ނުކުންނަން ޖެހޭނީ ވޯލްޑް ކަޕް 2018ގެ ފައިނަލުގައި އެޓީމާ ވާދަކުރި ކްރޮއޭޝޮއާއާ ދެކޮޅަށެވެ. ފްރާންސް ހިމެނޭ "ގްރޫޕު ސީ"ގައި ސްވިޑަން އާއި ކްރޮއޭޝިއާގެ އިތުރުން ދެން ހިމެނެނީ އެންމެ ފަހުގެ ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަން ޕޯޗުގަލްއެވެ.