ކޮވިޑު-19ގެ ފަރުވާއަށް ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއަށް ބޭންކު ގެރެންޓީއާ ނުލައި އެޑްވާންސް ފައިސާ ދޫކުރަން ހުއްދަ ދެއްވާފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަތުމަށް ހެލްތު މިނިސްޓްރީން ކުރި މަސައްކަތުގައި، ފައިސާގެ ބޮޑެތި އޮޅުވާލުންތަކެއް ހިމެނޭ ކަމަށް އޮޑިޓަރު ޖެނެރަލް ނެރެފައިވާ އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވީ 34 މިލިއަން ރުފިޔާއަށް ދުބާއީގެ ކުންފުންޏަށް ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި އިރު، އެ ފައިސާގެ ތެރެއިން 30.9 މިލިއަން ރުފިޔާ ދެއްކުމެވެ.
އެ މައްސަލައިގައި މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން، ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމުގެ ހާލަތުގައި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ވަސީލަތްތައް ވީހާވެސް ކުރު މަގަކުން ހޯދަން ޖެހުމުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން މަސައްކަތްތައް ހަވާލުކުރަން ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީއަށް ހުއްދަ ދިން ނަމަވެސް، މަސައްކަތެއް ހަވާލުކުރުމުގެ ކުރިން މަސައްކަތް ހަވާލުކުރާ ފަރާތަކީ އެކަމުގެ ފަންނީ އަދި މާލީ ގާބިލުކަން ހުރި ފަރާތެއްތޯ ޔަގީންކުރުމަކީ ބިޑު ކޮމިޓީގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް މާލިއްޔަތު ގަވައިދުން ފިނޭންސް މިނިސްޓްރީން ލުޔެއް ނުދޭ ހުރިހާ ކަމެއް ވެސް ހިނގަމުންދިޔަ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، ދުބާއީ ކުންފުންޏާ ހަވާލުކުރި 75 ވެންޓިލޭޓަރަށް އަރާ އަގުގެ 75 ޕަސެންޓް ދައްކައިގެން ނޫން ގޮތަކަށް ވެންޓިލޭޓަރުތައް ލިބެން ނެތް ކަމަށް އޭޕްރިލް 1 ގައި ހެލްތު މިނިސްޓްރީން ފިނޭންސްް މިނިސްޓްރީއަށް އެންގި ކަމަށެވެ. އަދި އެއީ ޑަބްލިޔުއެޗްއޯގެ މަޝްވަރާގެ މަތިން އެ އިދާރާއިން އިމަޖެންސީ ޕްރިޕެއާޑްނަސްގެ ދަށުން ތަކެތި ސަޕްލައި ކުރުމަށް އެކަށީގެންވާ ކުންފުންޏެއް ކަމަށް ބުނެފައިވާތީ އާއި ވެންޓިލޭޓަރުތަކުގެ ބޭނުން އޭރު ބޮޑުވެފައިވާތީ އެކަމަށް ހުއްދަ ދެއްވީ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ފަހުން 15 ޕަސެންޓުގެ އެޑްވާންސް ޕޭމަންޓަކަށް އެޕްރީލް 19ގައި އަނެއްކާވެސް ހެލްތު މިނިސްޓްރީން އެދުނު ކަމަށާއި އެގޮތަށް އެދުމާ އެކު އެގްޒެކިއުޓާސްއާ އެކު ވެފައިވާ އެއްބަސްވުން ހޯދައި އޭގައިވާ ޕޭމަންޓް ޝެޑިއުލަށް ރިއާޔަތްކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މާލިއްޔަތު ގަވައިދުގެ ދަށުން މިކަން އަވަހަށް ކުރަން ވެގެން ހަރަދުގެ ހުއްދަ އާއި ފައިސާގެ ކަންކަމަށް ހުއްދަ ދިން ނަމަވެސް މާލިއްޔަތު ގަވައިދުގެ އެހެން ކަންކަމަށް ބޯލަނބަން ޖެހޭނެ. އޭގެ ތެރޭގައި މާލިއްޔަތު ގަވައިދުގެ 10.67 (ރ) ގައި ބަޔާންކުރާ ޕޭމަންޓް ގްރެންޓީ ނުނަގައި އޮތުމަކީ ދީފައިވާ ހުއްދައެއް ނޫން. އަދި މިއީ އެފަރާތާ ވެފައިވާ އެގްރީމަންޓުގައި ވެސް ހިމެނޭ ކަމެއް. އެހެންކަމުން ޕޭމަންޓް ގެރެންޓީ ނެގުމާމެދު ފިނޭންސް މިނިސްޓްރީން ލުއިދީފައި ނުވާތީ އެ ގެރެންޓީ ހޯދަން ޖެހޭނެ. އަދި ހޯދާފައި ނުވާނަމަ މިހާރު ވެސް އެ ހޯދަންޖެ ހޭނެ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ، އެޑްވާންސް ފައިސާ ދައްކާއިރު ކަންކަން ފުރިހަމަވެފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަކީ އެ މިނިސްޓްރީއެއްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތެއް ކަމަށާއި އެކަން ދެ ސާކިއުލާއަކުން އާއްމުކޮށްފައިވާނެ ކަމަށެވެ. އެގޮތުން ޓްރާންސްސެކްޝަންތައް ސިސްޓަމަށް އަޅާ ޑޭޓާގެ މައްޗަށް ދޫކުރެވޭ ފައިސާގެ އެންމެހައި ޒިންމާ ނަގަން ޖެހޭނީ އެ ޓްރާންސެކްޝަނެއް ސިސްޓަމަށް އެންޓާ ކުރި ފަރާތުންނާއި ޕޯސްޓް ކުރި ފަރާތުން ކަމަށް އެ ސާކިއުލާގައި ބުނެފައިވާނެ ކަމަށް ވިދާޅުވި އެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު