ގާސިމް އިބްރާހިމް

ބަރުލަމާނީ ގެންނަން ބޭނުންވަނީ ރައްޔިތުންގެ މެޖޯރިޓީ ވޯޓު ލިބިގެން ވެރިކަމަށް ނާދެވޭނެ މީހުން: ގާސިމް

ވެރިކަން ހިންގާ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރާން ބޭނުން ވެގެން އުޅެނީ، މުޅި ރައްޔިތުންގެ މެޖޯރިޓީ ވޯޓު ލިބިގެން ވެރިކަމަށް ނާދެވޭނެކަން އެނގޭ މީހުން ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރާންވީ ނިޒާމު ރައްޔިތުންގެ މަޖިލީހުން ނުނިންމޭނެ ކަމަށާއި އެކަމަށް ގޮތެއް ނިންމަން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށެވެ. ބަރުލަމާނީ ނިޒާމަކީ ރައްޔިތުންގެ ވެރިކަމުގެ ނިޒާމެއް ނޫން ކަމަށާއި އެ ނިޒާމަށް ރައްޔިތުން ތާއީދު ވެސް ނުކުރާ ކަމަށެވެ. ބަރުލަމާނީ ނިޒާމު ގެންނާން ބޭނުންވަނީ އަމިއްލަ ފައިދާތައް ބޭނުންވާ މީހުން ކަމަށާއި މީގެ އިތުރުން އެ ނިޒާމަށް ދެން ތާއީދު އެކުރާ މީހުންނަކީ ގޮށްމުށުގެ ބާރުން ޕާޓީ ހިންގާން ބޭނުންވާ މީހުން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"ރިޔާސީ ނިޒާމުގަ ވެރިމީހާ އަބަދު ރައްޔިތުން ކައިރިޔަށް ދާން އެބަ ޖެހޭ. ވައުދުތައް ވާން އެބަ ޖެހޭ. އެ ވައުދުތައް ފުއްދާން އެބަ ޖެހޭ. މުޅި ރައްޔިތުންގެ މެޖޯރިޓީ ވޯޓުން ނޫނީ ވެރިކަމަކަށް ނާދެވޭ. އެހެންވީމަ ރައީސް މި ހޮވަނީ ސީދާ ރައްޔިތުން. އެކަމަކު ބަރުލަމާނީ ނިޒާމެއްގަ އެންމެ 200 ވޯޓުން މަޖިލީހަށް ހޮވޭ މީހާއަށް ވެސް ބޮޑު ވަޒީރު ކަމަށް އާދެވިދާނެ. އޭނަ ނުޖެހޭ ރައްޔިތުން ކައިރިޔަށް ދާކަށްވެސް. މަޖިލީހަށް ހޮވުނީމަ ނިމުނީ." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމުން ވަޒީރުންގެ މަޖިލީހުގައި ވެސް ތިބޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރޭން ބަޔަކު ކަމަށާއި އެމީހުން ޖަވާބުދާރީ ކުރުވޭނެ ގޮތެއްވެސް ނޯންނާނެ ކަމަށެވެ.

"ވަޒީރުންނަށްވެސް ތިބޭނީ މަޖިލިސް މެންބަރުން، ދެން ވަޒީރުން ޖަވާބުދާރީ ކުރުވާނީ ކިހިނެއްތޯ؟ ކާކުތޯ އެކަން ކުރާނީ؟ ބޮޑުވަޒީރުކަމުގެ ނިޒާމު ރާއްޖޭގެ ރައްޔިތުން ކުރީންވެސް އެތައް ފަހަރަކު ތަޖުރިބާކޮށްފި. ރައްޔިތުން ނިކަމެތިވެ ބިކަވުން ނޫން ކަމެއް ނުވި. ރައްޔިތުން ބޭނުންވާނީ އެމީހުން ކައިރިޔަށް ދާނެ ވެރިޔެއް. ރައްޔިތުންނަށް އެމީހުންގެ ވެރިޔަކު ހޮވުމުގެ ބާރު އޮންނަން ޖެހޭނެ. ރައްޔިތުން ކައިރިޔަށް ނުގޮސް އެންމެ 200 ވޯޓުން މަޖިލީހަށް ހޮވިގެން ބޮޑުވަޒީރު ކަމަށް އަންނަން އުޅެނީ ރައްޔިތުންނަށް ހެޔޮ ނޭދޭ އަދި އެނޫން ގޮތަކަށް ވެރިކަމަށް ނާދެވޭނެ މީހުން." ގާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ މިހާ ކުޑަކުޑަ ގައުމަކަށް ރައީސަކާއި ބޮޑު ވަޒީރަކު ބޭނުން ނުވާ ކަމަށާއި އޭރުން އޮންނާނީ ބާރުތަކާއިގެން ހިފުން ކަމަށާއި އެއީ މިފަދަ ކުޑަކުޑަ ގައުމަކަށް ސިޔާސީ ގޮތުން ބެއްޔަސް އަދި މާލީ ގޮތުން ބެއްޔަސް އުފުލޭނެ ބުރައެއް ނޫން ކަމަށެވެ. އޭރުން ދެމީހުން ކުރެ އެކަކު ބޭނުންވާނީ ފުލުހުން އޭނާގެ ބާރުގެ ދަށަށް ގެންދަން ކަމަށާއި އަނެކަކު ބޭނުންވާނީ ސިފައިން ކޮންޓްރޯލުކުރަން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އަދި އެކަންކަމުގެ ނަތީޖާއެއްގެ ގޮތުން ގައުމަށް ދުވަހަކުވެސް ހަމަޖެހުމެއް ނާންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.