ކޮވިޑް-19 ޖެހި އެޑްމިޓްކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަވަސް ޝިފާއަކަށް އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ހުރިހާ ދުއާއެއް ވެސް ވަނީ ރައީސް މައުމޫނާ އެކުގައި ކަމަށާއި އެމަނިކުފާނަށް މާތް ﷲ އަވަސް ޝިފާއެއް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އުމުރުފުޅުން 83 އަހަރުގެ، ރައީސް މައުމޫން ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ﷲގެ ވާގިފުޅާއެކު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި ރަހުމަތްތެރިންނާއި ހެޔޮ އެދިވަޑައިގަންނަވާ އެންމެހާ ބޭފުޅުން ކުރެއްވި ދުއާތަކަށް ޝުކުރު އަދާ ކުރައްވައި، އެންމެހާ ނުބައިތަކުން ރައްކާތެރި ކޮށްދެއްވުމަށް ދުއާ ދަންނަވާފައިވެ އެވެ.

ރައީސް މައުމޫންގެ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރެއްވުމާ އެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި، ހެޔޮ ދުއާތައް ފޮނުވަމުންނެވެ.

ރައީސް މައުމޫނަށް ކޮވިޑް ޖެހުނީ ކިހިނެއްކަމެއް އަދި އެމަނިކުފާނުގެ އާއިލާގެ އިތުރު ބޭފުޅަކު ކޮވިޑަށް ޕޮޒިޓިވްވި ކަމެއް އަދި ނޭނގެ އެވެ.