ޕީޕީއެމް އަދި ޕީއެންސީން އެއްވެސް ސިޔާސީ ޕާޓީއަކާއެކު އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ހަދާފައި ނޯންނާނެ ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި އަދުރޭ ވިދާޅުވީ ޑީއާރުޕީއާވެސް އަދި އެހެން އެއްވެސް ޕާޓީއަކާވެސް މިހާތަނަށް ޕީޕީއެމް/ޕީއެންސީން އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށެވެ.

އަދުރޭގެ ޓުވީޓުގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީން އަބަދުވެސް މަސައްކަތް ކުރާނީ މާތް ވެގެންވާ އިސްލާމް ދީނާއި، ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް އިސްކަން ދީގެން ކަމަށެވެ.

އަދުރޭ މިފަދައިން ވިދާޅުވި އިރު ދާދި ފަހުން ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނާއެކު މަސައްކަތް ކުރަން ޑީއާރުޕީން ނިންމައި، މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި ވެއެވެ. ނަމަވެސް މިއީ ކޯލިޝަން އެއްބަސްވުމެއް ނޫން ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް ނިންމި ނިންމުމެއް ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެފައި ވެއެވެ.