އެއާ އިންޑިއާގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.
އެއާ އިންޑިއާގެ ރާއްޖޭގެ އޭޖެންޓު، ވިލާ ޓްރެވަލްސް އިން ބުނީ އިއްޔެއިން ފެށިގެން މާލެއިން ޓްރިވެންޑްރަމަށް ހަފުތާއަކު ދެ ދަތުރު އޮންނާނެ ކަމަށާއި ދަތުރުތައް އޮންނާނީ އަންގާރަ އަދި ހުކުރު ދުވަހު ކަމަށެވެ.
އެއާ އިންޑިއާގެ ދަތުރުތައް ފެށުމާއެކު އެ ގައުމުން ވަނީ ރާއްޖެއާ ދެމެދު ދަތުރުފަތުރުތައް ފެށުމުގެ ގޮތުން "ޓްރެވަލް ބަބްލް" އެއް ވެސް ހަދަން ނިންމައިފައެވެ. މިއީ ކޮވިޑަށްފަހު ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމްކުރެވޭ މިފަދަ ފުރަތަމަ އެއާ ބަބްލްއެވެ.
ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެއާ ބަބްލްގެ ސަބަބުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވަރަށް ބޮޑުތަން ފަސޭހަ ވެގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖެއިން ލިބެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާކުރަން މިހާރުވެސް ހާއްސަ އުސޫލެއްގެ ތެރެއިން ދިވެހިންނަށް އިންޑިއާއަށް ދެވުނު ނަމަވެސް، އެއާ ބަބްލް ގާއިމްކުރެވުމުން ފްލައިޓްތަކުގެ ޝެޑިއުލްތައް ކުރިއާލައި އެނގިގެން ދާނެއެވެ.
އޭގެ އިތުރުން މި އެއާ ބަބްލްގެ ތެރެއިން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމަށް ފަސޭހަ ވެގެންދާނެކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއަށް ކޮންމެ އަހަރަކުވެސް އިންޑިއާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތް ކުރަމުން އަންނަ މިދަނޑިވަޅުގައި މިއީ ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.
މިދިޔަ މަހު 15 ގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވާއިރު ރާއްޖެއަށް އަލުން ވަނީ ބައެއް ގައުމުތަކުން ދަތުރުތައް ފަށާފައެވެ. އިންޑިއާއަކީ ދެ ވަނައަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެހެން ކަމުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
އެއަރ އިންޑިޔާ
އެއަރ އިންޑިޔާ
އެއަރ އިންޑިޔާ
އެއަރ އިންޑިޔާ