ތާޖުއްދީން އަދި ހިރިޔާ ސްކޫލުގައި އޮބްޒަވޭޝަން ފެސިލިޓީއެއް ގާއިމުކުރުމަށް ނިންމައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާތީ ޕޮޒިޓިވް ވާ މީހުން އައިސޮލޭޓް ކުރުމަށް އިތުރު ފެސިލިޓީތަކެއް ހޯދަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިހާރުވެސް ބައެއް ރިސޯޓުތައް ވަނީ އައިސޮލޭޝަނަށް ނަގާފައި ކަމަށެވެ.

"މިދިޔަ ހަފްތާގައި މިވަނީ އިތުރު ރިސޯޓުތަކެއްވެސް އައިސޮލޭޝަނަށް ނަގާފައި. އަދި މާލެއިންވެސް އިތުރު ގެސްޓްހައުސްތައްވެސް ލިބޭތޯ މިދަނީ ބަލަމުން. އަޅުގަނޑުމެންގެ ޕޮލިސީއަކީ ވީހާވެސް ބޮޑަކަށް ފެސިލިޓީ ބޭސްޑް އައިސޮލޭޝަނަށް ގެންދިއުން." ޑރ. ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވީ ކޭސްތައް މާ ބޮޑަށް އިތުރުވެއްޖެނަމަ ގޭގައިވެސް އައިސޮލޭޓް ކުރަން ޖެހިދާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ފެސިލިޓީތަކަށް ނުގެންދެވި ތިއްބާ ހާލު ދެރަވާ ބަލިމީހުންނަށް ފަރުވާ ދިނުމަށް އޮބަޒަވޭޝަން ފެސިލިޓީއެއް ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލުގައި ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޕޮޒިޓިވް މީހުންގެ ތެރޭގައި ގޭގައި ބައިތިއްބާފައި ތިބި ބަޔަކު ކޮންސަލްޓޭޝަންއެއް ބޭނުންވެދާނެ. އެ ހާލަތުގައި އައުޓް ޕޭޝަންޓުކޮށް ބަލައިލެވޭނެ ފެސިލިޓީއެއްވެސް ހުންނަން ޖެހޭ. އަދި ވަގުތީ ގޮތުން އޮބްޒަވޭޝަނަށް ބާއްވައިލައިފައި ވަގުތީ ގޮތުން ދެވޭނެ ފަރުވާއެއް ދެވޭނެ އިންތިޒާމެއް ހަމަޖެހިފައި ހުންނަން ޖެހޭ. އެގޮތުން ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގައި މިފަދަ ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން" ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ، އެމްބިއުލޭންސްގެ ހިދުމަތްވެސް ހަރުދަނާކުރުމުގެ މަސައްކަތް ކުރުމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ބަލި މީހުން އެއްތަނުން އަނެއް ތަނަށް އުފުލުމުގައި އިތުރު ހަލުވި ކަމެއް ލިބިގެންދާނެ ކަމަށެވެ.