ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ މަޝްވަރާތައް ކުރިއަށް އެބަދާ ކަމަށާއި އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ ތާއީދު އެބަ އޮތް ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ބުނެފި އެވެ.

ޑީއާރްޕީން މިހެން ބުނި ކުރި ޓުވީޓެއްގައި ވަނީ ރައްޔިތުންގެ މަޖިލީހު ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރާ ދެބޭފުޅުން މިއަދުގެ ޖަލްސާގައި އެކުގައި ތިއްބެވި ފޮޓޯއެއް ހިމަނައިފަ އެވެ. އެ ފޮޓޯއިން ފެންނަނީ އެ ދެބޭފުޅުން ހިނިތުންވެ ތިއްބަވައި ކަމަކާ ވާހަކަދައްކަވާ މަންޒަރެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އެ ބިލު ހުށަހެޅުއްވީ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އާއި ޖާބިރު ވާހަކަދައްކަވާ ފޮޓޯތަކާއެކު ޑީއާރުޕީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނުއަސާސީއަށް ޖާބިރު އިސްލާހު ހުށަހެޅުމާއި ގުޅިގެން އެކަމުގެ މަޝްވަރާތައް ވަގުތުން ވަގުތަށް ކުރިއަށްދާ ކަމަށެވެ. އަދި މަޖިލިސް ރައީސްގެ ފުރިހަމަ ތާއީދު އެބަ އޮތް ކަމަށް ބުނެފައިވެ އެވެ.

ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 ވަނަ އަހަރު ނެގި ވޯޓުގައި ވެސް ރައީސް ނަޝީދާއި އެމްޑީޕީން ވަކާލާތު ކުރަމުން ދިޔައީ ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމެއް ކަމަށެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއީދު ކުރެއްވީ ރިޔާސީ ނިޒާމަކަށެވެ.

ގާނޫނުއަސާސީއަށް ޖާބިރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ، ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު، ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަަމަށް ކަނޑައެޅި ނަމަވެސް ގާނޫނުއަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމެއްކަމަށް ކަނޑައަޅައި މުތުލަގު ގޮތެއްގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

ގާނޫނުއަސާސީ ތަސްދީގު ކުރި ފަހުން ބޭއްްވި ރިޔާސީ އިންތިހާބުތަކުގެ މައްޗަށާއި ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލައި ވިސްނާ އިރު، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށްކަން އެނގެން އޮތް ކަމަށްވެސް ޖާބިރުގެ ހުށަހެޅުމުގައި ވިދާޅުވެފައި ވެއެވެ.

މިގޮތުން ރާއްޖޭގައި ހިންގަމުން އަންނަ ވެރިކަމަކީ "ރިޔާސީ ނިޒާމެއްގެ" ފުރިހަމަ ސިފައިގައި ހިނގަމުން އަންނަ ވެރިކަމަކަށް ނުވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ލިބޭ ގެއްލުމުން ރައްޔިތުން ސަލާމަތް ވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު "ބަރުލަމާނީ ނިޒާމް" އަކަށް ބަދަލުވެގެން ދިއުމުން ކަމަށް ގަބޫލު ކުރެވޭތީ އާއި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަކީ ރައްޔިތުންނަށް އަސާސީ ހައްގުތަކާއި މިނިވަންކަމަށް އެއްވެސް އުނިކަމެއް އަންނާނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންކަމުން ބަރުލަމާނީ ނިޒާމަކަށް ވެެރިކަން ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ގާނޫނުއަސާސީއާ ތައާރަޒުވާ ކަމެއް ކަމަށް ނުބެލެވޭ ކަމަށް ޖާބިރުގެ އިސްލާހުގައި ބުނެފައިވެ އެވެ.