ކުއްލި ޚަބަރު

ކޮވިޑާ ގުޅިގެން ކުޑަކުރި މުސާރަތައް މިމަހުން ފެށިގެން އަލުން އިޔާދަކުރަން ނިންމައިފި

ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންނާއި އެކި ފަރާތްތަކަށް ދައުލަތުން ދޭ މުސާރަ އާއި އިނާޔަތްތައް ކުޑަކުރަން ނިންމި ނިންމުން ފިނޭންސް މިނިސްޓްރީން އުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަހަރުގެ މާޗް 18 އަދި މެއި 16 ވަނަ ދުވަހު ނެރުނު ސާކިއުލާގައި ދައުލަތުގެ އެންމެހާ މުވައްޒަފުންގެ އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވާ ނިސްބަތުން 20 ޕަސެންޓް އުނިކުރަން ވަނީ ނިންމައިފަ އެވެ. އަދި ރައްޔިތުން މަޖިލީހުން ހުއްދަ ލިބިގެން މިނިވަން މުއްސަސާތަކާއި މަޖިލީހުގެ މެންބަރުން އަދި ރައީސުލްޖުމްހޫރިއްޔާގެ މުސާރަ ވެސް ކުޑަ ކުރި އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން މުސާރަތަކަށް މި ބަދަލުތައް ގެންނަން ހުއްދަ ދީފައިވަނީ މެއި ޖޫން ޖުލައި މި ތިން މަހަށެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އެކްޒެކްޓިވް މުހައްމަދު ޝަނޫން "ވަން" އަށް ވިދާޅުވީ މުސާރަތައް އުނިކުރަން ނިންމުމުން ދައުލަތަށް 12 މިލިއަން ރުފިޔާ ސަލާމަތް ކުރެވިގެން ދިޔަ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އިދާރާތަކަށް އިއްޔެ ފޮނުވި ސާކިޔުލާއެއްގައި ވަނީ މުސާރަތައް އުނިކުރަން އަންގައި ނެރުނު ދެ ސާކިއުލާއަށް އަމަލުކުރުން މިމަހުން ފެށިގެން މެދުކަނޑާލަން ނިންމި ކަމަށެވެ. ނަމަވެސް އާ މަގާމުތަކަށް މުވައްޒަފުން ނުނެގުމަށާއި އާ އެލަވަންސެއް ނުދިނުމަށާއި އިތުރުގަޑީގެ ގޮތުގައި ބަޖެޓްކޮށްފައިވާ މިންވަރުގައި ހަރަދުތައް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް ދެމެހެއްޓުމަށް ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން ދައުލަތުގެ އިދާރާއަކުން ރާއްޖެއިން ބޭރަށް ކުރާ ހުރިހާ ދަތުރުތައް ހުއްޓާލުމަށާއި އިތުރު އެއްވެސް މަަރާމާތުގެ މަސައްކަތެއް ނުފެށުމަށް އަދި ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދުތައް ފިޔަވައި އެހެން ހުރިހާ ކެޕިޓަލް ހަރަދުތައް ކުރުން ހުއްޓާލުމަށް ވެސް އިއްޔެ ނެރުނު ސާކިއުލާގައި އަންގައިފައި ވެއެވެ.