އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތަކާއި ގުޅިގެން އެ ކޯލިޝަންގެ އިސް ބޭފުޅުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި އެވެ.
މިކަން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ސްޕޯކްޕާސަން ހީނާ ވަލީދު "ވަން" އަށް ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.
އެގޮތުން މިއަދު އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތާ ގުޅިގެން މައުލޫމާތު ދިނުމަށް ޕީއެންސީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު އިސްކަންދަރު ކޮށްޓަށް ހާޒިރުވެވަޑައިގެންނެވި ކަމަށް ހީނާ މައުލޫމާތު ދެއްވަ އެވެ.
ފުލުހުންގެ އިދާރާއަށް ހާޒިރުވެ މައުލޫމާތު ދިނުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ ފުލުހުންގެ އިދާރާއަށް ހާޒިރުވީ މިއަދު މާފުށްޓަށް ކުރުމަށް ހަމަޖައްސާފައިވާ ދަތުރާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ކަމަށެވެ. އެގޮތުން މި ހަރަކާތް ހިނގާނެ ގޮތާއި މެދު ފުލުހުން ސުވާލު ކުރުމުން އެ މައުލޫމާތު ފުލުހުންނަށް ސާފު ކޮށްދެއްވާފައިވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އިދިކޮޅުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުލުހުން ލަފާ ދެއްވިކަމަށެވެ. އަދި މިއަދުގެ ދަތުރު ފަށާނީ އެޗްޕީއޭގެ ގައިޑްލައިން ޕްރިންޓުކޮށްގެން ހިފައިގެން ކަމަށާއި އެއާ އެއްގޮތަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެޗްޕީއޭގެ ފަރާތުން މިކަމާ ގުޅިގެން އިތުރު އިރުޝާދެއް ހޯދަން ޖެހޭކަމަށް ނުފެންނަ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން މި ދަތުރުގައި ސަޕޯޓަރުން ދޯންޏަށް އަރުވާނީ ޓެމްޕެރޭޗާ ޗެކްކުރުމަށްފަހު ކަމަށާއި ގައިދުރުކަން ބަހައްޓާނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. މާފުށްޓަށް ދަނީ މާފުށީ ރައްޔިތުންނާއެކު ސަރުކާރަށް ދޭން ބޭނުންވާ މެސެޖުތަކެއް ދިނުމަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ މިކަމުގައި ފުލުހުންގެ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ. އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ހަރަކާތްތައް ކުރިއަށް ދާނަމަ ފުލުހުންގެ އެއްބާރުލުން ލިބޭނެކަމަށް ފުލުހުން ބުނި ކަަމަށް ޝުޖާއު ވިދާޅުވިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މިއަދު ކ. މާފުށީ ބޭރުގައި ކަނޑުމަތީގެ އިހުތިޖާޖެއް ބޭއްވުމަށް ނިންމައިފައެވެ. މާފުށީ ބޭރުން ކަނޑުމަތީގައި އިހުތިޖާޖުކުރަން އިދިކޮޅުން ނިންމީ މާފުށީ ޖަލުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދު ކޮށްފައި ހުންނެވުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނާއި މިހާރުގެ ސަރުކާރުން ރާއްޖޭގެ ހަރުމުދާ ވިއްކައި އަދި ހިންގަމުން ގެންދާ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތަކާ ދެކޮޅަަށް އަޑުއުފުލުމުގެ ގޮތުން ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު