ވެރިން ރައްޔިތުންނަށް އިހުލާސްތެރި ނުވާނަމަ ނިޒާމު ބަދަލުކުރުމަކުން ފައިދާއެއް ނުވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ނިޒާމް ކަނޑައެޅީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި އެ ނިޒާމު ބަދަލުކުރަން ބޭނުންވާ ނަމަ އެކަން ވެސް ނިންމަންވާނީ ރައްޔިތުންގެ ވޯޓުން ކަމަށެވެ.
"ކޮންމެ ވެރިކަމުގެ ނިޒާމެއް އޮތްނަމަވެސް ވެރިން ރައްޔިތުންނަށް އިހުލާސްތެރި ނުވާނަމަ ނިޒާމް ބަދަލުކުރުމަކުން ވާނެ ފައިދާއެއް ނޯންނާނެ،" އުޝާމް ވިދާޅުވި އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބަހުސް އަނެއްކާވެސް ފެށުނީ ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުންނެވެ. އެ އިސްލާހު ގެނައުމުގެ ބިލެއްގެ ގޮތުގައި އެ ބިލު ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.
ނަމަވެސް ޖާބިރުގެ އެ ހުށަހެޅުމަށް ވެރިކަން ކުރާ ކޯލިޝަނުގެ ޕާޓްނަރު ރައީސް މައުމޫން އަބްދުލްގައްޔް ވަނީ ދެކޮޅު ހައްދަވައި ޓުވީޓު ކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖޭގެ ސިޔާސީ، އިޖުތިމާއީ އަދި އިގުތިސޯދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެވެ. އަދި 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންގެ ވަރަށް ބޮޑު އަޣުލަބިއްތަކުން ނިންމަވާފައިވަނީ ރާއްޖެއަށް އެންމެ ކަމުދަނީ ރިޔާސީ ނިޒާމު ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ނަމަވެސް ރައީސް މައުމޫންގެ ވާހަކަފުޅަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައްދު ދެއްވައި ވޯޓު އޮޅުވާލި ކަމުގެ ތުހުމަތު ކުރައްވައިފަ އެވެ.
ނަޝީދު ރޭ ކުރެއްވި ޓުވީޓެއްގައި ރައީސް މައުމޫންގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއް ވެސް ވަނީ އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށެވެ. އެގޮތުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް 2007 ވަނަ އަހަރު ނެގި ވޯޓް ވެސް ރައީސް މައުމޫން އޮޅުވާލެއްވި ކަމަށާއި ހަމައެކަނި އޮޅުވައި ނުލަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު އުޝާމް
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު އުޝާމް
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު އުޝާމް