ދިވެހި ފައިސާގެ އަގު ދަށްވިޔަ ނުދީ ހިފެހެއްޓުމަށާއި އެކަށީގެންވާ އަގެއްގައި ބޭރުފައިސާ ގަނެ ވިއްކޭނެ ފަސޭހަ މަގެއް ފަހިކުރުމަށް ގޮވާލައި، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 38 މެންބަރުންގެ ތެރެއިން، މައްސަލަ ބަލައިގަންނަން ވޯޓުދެއްވީ، އެންމެ ހަ މެންބަރުންނެވެ. އެ މައްސަލަ ބަލައި ގަންނަން ބޭނުންވަނީ، 18 ވޯޓެވެ.
މައްސަލަ ބޭރުކޮށްލީ، އެ މައްސަލަ ބަލައި ގަންނަން ނުފެންނަ ކަމަށް 29 ބެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، އެ ކުއްލި މައްސަލައަކީ ހަތް ރުފިޔާއަށް ޑޮލަރު ލިބޭގޮތަށް ހުށަހަޅުއްވާ ކުއްލި މައްސަލައެއް ކަމަށެވެ.
ޖާބިރު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ބޭރުގެ އިންވެސްޓަރުންނާއި ބޭރުން މުދާ އެތެރެކުރުމުގެ މައްޗަށް ބިނާވެފައިވާއިރު ބޭރުގެ ޔުނިވާސިޓީތަކުގައި ގިނަ ދަރިވަރުންތަކެއް މަތީ ތައުލީމު ހާސިލު ކުރަމުން އަންނައިރު ކޮރޯނާ ވައިރަހުގެ ސަބަބުންނާއި ރާއްޖޭގެ އިގްތިސާދު ނަގަހައްޓަން ތިބި ވުޒާރާތަކާއި މަރުކަޒީ ބޭންކާއި ސަރުކާރު ހިއްސާވާ ކުންފުނި ތަކާއި ބޭންކުތަކުގެ ނާގާބިލުކަމުގެ ސަބަބުން ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެ ރާއްޖޭގެ އިގުތިސާދު އިނދަޖެހިފައިވާ ކަމަށެވެ.
ރާއްޖެއަކީ ޑޮލަރު ގަތުމަށް މަޖުބޫރުވެފައިވާ ގައުމަކަށްވާއިރު، ޑޮލަރުގެ އަގު 15:42 އަށް ކަނޑައަޅާފައިވިނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށް އަރައިފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އެކަމަކީ ރައްޔިތުން ބިކަވެ ނިކަމެތިވަމުންދާ ކަމަކަށްވާތީ އެކަމުގެ ޒިންމާ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އެކަން ރަނގަޅު ކުރުމުގައި ގަވަރުނަރުގެ ގާބިލުކަން ނެތް ކަމަށް ވިދާޅުވެ ގަވަރުނަރުގެ އިސްތިއުފާއަށް ޖާބިރު ވަނީ ގޮވާލައްވައިފައެވެ.
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު