ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ގޮތް ދިރާސާކުރުމަށް އެކުލަވައިލި ކޮމިޓީގެ ކުއްލި ޕްރެސް ކޮންފަރެންސެއް މިއަދު މެންދުރު ބާއްވަން ނިންމައިފި އެވެ.
އޮންލައިންކޮށް ބާއްވާ އެ ޕްރެސް ކޮންފަރެންސް އޮތީ މިއަދު މެންދުރުފަހު 1:30 ގަ އެވެ.
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ ކުއްލި ޕްރެސް ކޮންފަރެންސެއް މިއަދު ބާއްވާއިރު މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އެ ކޮމިޓީގެ މެންބަރުން ވަނީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ 7،000 ފްލެޓް ލިބޭނެ ފަރާތްތައް ލިބޭނެ މީހުންގެ ލިސްޓު މިދިޔަ މަސް ނިމޭއިރު އިއުލާން ކުރަން ފެށޭނެ ކަމަށް ބުނެފަ އެވެ.
އެބޭފުޅުން ވިދާޅުވީ، ހިޔާ މަޝްރޫއުގައި ހިމެނެނީ 7،000 ފުލެޓް ކަމަށް ބުނި ނަމަވެސް ގުޅީފަޅުން ފްލެޓް ނުލިބުނު މީހުންނަށް 140 ފުލެޓާއި ގާކޮށިން ފުލެޓް ނުލިބުނު ފަރާތްތަކަށް 160 ފުލެޓް އެތަނުން ހާއްސަ ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެތަނުގައި ހުރީ 6720 ފުލެޓްކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް މިދިޔަ މަސް ނިމުނުއިރު ވެސް ލިސްޓު އާންމުކޮށްފައެއް ނުވެ އެވެ. މިމަހުގެ ކުރީކޮޅު ފްލެޓް ކޮމެޓީގެ މެންބަރުންނާއި އެ ކޮމެޓީގެ ހުރިހާ މުވައްޒަފުން 14 ދުވަހަށް ހޯމް ކަރަންޓީން ވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާތީ އެކަމުގެ ސަބަބުން ފުލްޓް ލިބޭ މީހުންގެ ލިސްޓުތައް އާންމުކުރުން ތަންކޮޅެއް ލަސްވެދާނެ ކަމަށް ވަނީ ބުނެފަ އެވެ.
އެ ކޮމެޓީން އެންމެ ފުރަތަމަ އާންމުކުރަން ނިންމާފައިވާ ކެޓަގަރީ ތަކަކީ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީ، ޓީޗަރުންގެ ކެޓަގަރީ އަދި މާލޭ ރަށްވެހިންގެ ކެޓަގަރީ އެވެ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން 284 މީހެއްގެ ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކޮށްފައިވާ އިރު ޓީޗަރުންގެ ތެރެއިން 720 މީހުން އަދި މާލޭ ރަށްވެހިންގެ ތެރެއިން 4261 މީހެއްގެ ފިޒިކަލް ވެރިފިކޭޝަން ބަލާފައިވާ ކަމަށް ފްލެޓް ކޮމިޓީން ބުނެ އެވެ.
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލީ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ "ހިޔާ" މަޝްރޫ އާއި "ގެދޮރުވެރިކުރުން" މަޝްރޫއު އަދި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" ހިންގާފައިވާ ގޮތް ބަލައި، އެ މަޝްރޫއުތަކާ ގުޅޭ އެންމެހައި މައްސަލަތައް ދިރާސާކުރުމަށްޓަކަ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު