ކުއްލި ޚަބަރު

ބިލެތްދޫ ރާސްތާ ދޯނިން މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވް، އޭނާ ގެންދިޔަ ކ. ގުރައިދޫ މޮނިޓަރިންނަށް

1

ފ. ބިލެއްދޫ މަހަށް ދާ ދޯންޏަކުން މަހަށް ގޮސް އުޅެނިކޮށް ކުއްލި ގޮތަކަށް މަރުވި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ، އޭނާ ގެންދިޔަ ކ. ގުރައިދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ފާނަ މަސްވެރިކަމަށް ނުކުމެ އުޅުނު ބިލެތްދޫ ދޯންޏެއްގެ މީހަކު މަރުވެގެން ގުރައިދޫއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާގެ މަރު ކަށަވަރުކުރީ ގުރައިދޫ ސިއްހީ މަރުކަޒުންނެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދު "ވަން" އަށް ވިދާޅުވީ، އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގީ މިއަދު ކަމަށާއި އެކަމާ ގުޅިގެން މިހާރު ރަށް މޮނީޓަރިންގެ ހާލަތަށް ގެންގޮސް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އިޖްތިމާއީ ގައިދުރުކަމަށާއި މާސްކު އެޅުމަށާއި ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް ކައުންސިލުން ރަށު ރައްޔިތުންނަށް އިލްތިމާސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ބަހެއް އަދި ނުލިބެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުއްލި ގޮތަކަށް މަރުވެފައިވަނީ ބިލެތްދޫ "ރާސްތާ" ނަމަކަށް ކިޔާ ދޯނީގައި ހުރި އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެކެވެ. ނޭވާލާން އުނދގޫވެގެން އޭނާ މަރުވީ ގުރައިދޫގެ ދެކުނުން ބޭރުގައި މަސްވެރިކަން ކުރަން އުޅެނިކޮށެވެ.