ހެލްތު މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
ކޮވިޑާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަތުމަށް ހެލްތު މިނިސްޓްރީން ކުރި މަސައްކަތުގައި، ފައިސާގެ ބޮޑެތި އޮޅުވާލުންތަކެއް ހިމެނޭ ކަމަށް އޮޑިޓް ރިޕޯޓުގައި ހިމެނިފައިވާތީ، އެކަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފަށައިފައެވެ.
އެގޮތުން މިނިސްޓަރު އަމީނާއި ބިޑް ކޮމެޓީގެ މެންބަރުން އެ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމާފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް މައުލޫމާތުދެއްވުމަށް އަމީންގެ އިތުރުން ހާޒިރުވެވަޑައިގަންނަވާނީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބޫބަކުރު އަބްދުލްކަރީމާއި ނިޝާމް މުހައްމަދާއި ޕާމަނެންޓް ސެކެޓަރީ އައިޝަތު ސާމިޔާއާ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަހުމަދު ގާސިމާއި ތަސްލީމާއެވެ. އަދި ލީގަލް އޮފިސަރު އަލީ ޝިހާމާއި އިސްމާއިލް ޒާހީނާއި ފިނޭންސް އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަސްލަމާއި އެސިސްޓެންޓް ޑިރެކްޓަރު ފާތިމަތު ލިމްޔާ އަދި އެސިސްޓަންޓް ބަޔޯމެޑިކަލް އިންޖިނިއާ ހާޝިން އަބޫބަކުރުވެސް ކޮމިޓީއަށް ހާޒިރުވާނެއެވެ.
އޮޑިޓް އޮފީހުން އާންމު ކުރި ހެލްތު މިނިސްޓްރީގެ ރިޕޯޓާ ގުޅިގެން އެ މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށާއި ފުލުހުންނަށް އަންގަވައިފައެވެ.
އެ މައްސަލަތައް ބަލައި ނިމެންދެން ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވަނީ އަމިއްލަފުޅަށް ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވެވަޑައިގަންނަވަން ނިންމަވައިފައެވެ.
މީގެ އިތުރުން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަދި އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިން ރައީސް ވަނީ ސަސްޕެންޑުކޮށްފައެވެ.
ދުބާއީގެ ކުންފުންޏަކަށް 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރުމުގައި މަކަރާއި ހީލަތް ހިމެނޭކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. އެގޮތުން ދުބާއީ ކުންފުންޏާ ހަވާލުކުރީ ވެންޓިލޭޓަރެއް 32،500 ޑޮލަރުގެ ރޭޓުން ގެންނާށެވެ. އެއީ 34 މިލިއަން ރުފިޔާއަށެވެ. އަދި އެކަމަށްވާ ފައިސާގެ 90 ޕަސެންޓް ވަނީ ސަރުކާރުން ދައްކައިފައެވެ. އެއީ 30.9 މިލިއަން ރުފިޔާއެވެ.
އެއް މަސް ދުވަހުގެ ތެރޭގައި ދުބާއީ ކުންފުންޏާ ގެންނަން ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 11 ވެންޓިލޭޓަރެވެ. އެއީ ވެސް ގެންނަން ހަވާލުކުރި ފެންވަރަށްވުރެ ދަށް ފެންވަރު ތަކެތިކަން އޮޑިޓް ރިޕޯޓުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު