ކާފިއު ގަޑީގައި ބޭރުގައި އުޅެގެން 3200 އަށްވުރެ ގިނަ މީހުންނަށް ފިޔަވަޅު އެޅުނު ކަމަށާއި އެކަކަށް ހަތް ފަހަރު ފިޔަވަޅު އެޅި ކަމަށް ފުލުހުން ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ކާފިއު ގަޑީގައި ބޭރުގައި އުޅެގެން ފިޔަވަޅު އެޅުނު މީހުންގެ ތެރޭގައި ވަކި އުމުރުފުރާއެއްގެ މީހުން ގިނަ ކަމަށާއި އެގޮތުން 18 އަހަރާއި 40 އަހަރާ ދެމެދު އުމުރުފުރާގެ 2869 މީހަކަށް ފިޔަވަޅު އެޅިފައިވާ ކަމަށެވެ.
"ކާފިއު ގަޑީގައި ބޭރުގައި އުޅެގެން ފިޔަވަޅު އެޅި އަދަދަށް ބަލާ އިރުގައި 18 އަހަރުން ދަށުގެ 87 މީހަކަށް އަޅުގަނޑުމެންނަށް އެޓެންޑުކުރެވިފައި އެބަވޭ. އަދި 18 އަހަރާއި 40 އަހަރާ ދެމެދު އުމުރުފުރާގެ 2869 މީހުންނަށް އަޅުގަނޑުމެންނަށް އެޓެންޑުކުރެވިފައި އެބަތިބި. އަދި 41 އަހަރާއި 65 އަހަރާ ދެމެދުގެ 291 މީހަކަށް އަޅުގަނޑުމެންނަށް އެޓެންޑުކުރެވިފައި އެބަތިބި. އަދި 65 އަހަރުން މަތީގެ ދެ މީހަކަށް. އެހެންވީމާ ޖުމުލަ 3249 މީހަކަށް ކާފިއު ގަޑީގައި ބޭރުގައި އުޅެނިކޮށް އަޅުގަނޑުމެންނަށް ފިޔަވަޅު އެޅިފައި އެބަހުރި،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ތަކުރާރުކޮށް ވެސް ގިނަ ބަޔަކަށް ފިޔަވަޅު އެޅިފައިވާ ކަމަށާއި އެގޮތުން އެކަކަށް ހަތް ފަހަރު ފިޔަވަޅު އެޅިފައިވާ ކަމަށެވެ.
"މި ގަޑިތަކުގައި ތަކުރާރުކޮށް އަޅުގަނޑުމެންނަށް އެޓެންޑުކުރެވިފައިވާ އަދަދުތަކަށް ބަލާއިރު، 2158 މީހަކު އެބަހުރި އަޅުގަނޑުމެންނަށް އެއް ފަހަރު އެޓެންޑު ކުރެވިފައި. 354 މީހަކު ދެ ފަހަރު އެޓެންޑު ކުރެވިފައި. 79 މީހަކު ތިން ފަހަރު އެޓެންޑު ކުރެވިފައި. 24 މީހަކު ހަތަރު ފަހަރު އެޓެންޑު ކުރެވިފައި. އަށް މީހަކު ފަސް ފަހަރު އެޓެންޑުކުރެވިފައި. ދެ މީހަކު ހަ ފަހަރު އެޓެންޑު ކުރެވިފައި. އަދި އެއް މީހަކަށް ހަތް ފަހަރު އެޓެންޑު ކުރެވިފައިވޭ." އޭނާ ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު