ކޮވިޑަށް ޕޮޒިޓިވް 11 މީހަކު އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށާއި އަށް މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ މިވަގުތު ހޮސްޕިޓަލުތަކުން ކޮވިޑަށް ޕޮޒިޓިވް 162 މީހަކު ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.

"މިވަގުތު 162 މީހަކު ވަނީ ހޮސްޕިޓަލައިޒް ވެފައި. މީގެ ތެރެއިން 11 ފަރާތެއް ވަނީ އައިސީޔޫގައި. އަދި އޭގެ ތެރެއިން އަށް ފަރާތެއް ވަނީ ވެންޓިލޭޓަރުގައި،" އޭނާ ވިދާޅުވިއެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް 119 މީހަކު ޕޮޒިޓިވްވެ، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 6779 އަށް އަރައިފައެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 100 ދިވެއްސަކާއި ބަންގުލަދޭޝްގެ 11 މީހަކާއި އިންޑިއާގެ ތިން މީހަކާއި ފިލިޕީންސްގެ ދެ މީހަކާއި ޔޫއޭއީގެ ދެ މީހަކާއި ސްރީލަންކާގެ މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 109 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 4222 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2531 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 26 މީހަކު ވަނީ މަރުވެފައެވެ. އެއީ 20 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.