ޚަބަރު

ކިނޮޅަހު ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އަލީ އަފާފް ރަމީޒު

ރ. ކިނޮޅަހު ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކިނޮޅަހު ހޯމް ކަރަންޓީނުގައި ހުރި 53 އަހަރުގެ ފިލިޕީންސް ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކިނޮޅަހުގެ އިތުރުން މިއަދު ވަނީ އެއަތޮޅު ދުވާފަރުގައި ހޯމް ކަރަންޓީނުގައި ހުރި ތިން އަހަރުގެ ކުއްޖަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިދިޔަ މަހުގެ ތެރޭގައި ދުވާފަރުގައި ހޯމް ކަރަންޓީންގެ މުއްދަތު ހަމަކޮށް، ކޮވިޑަށް ނެގެޓިވްވުމުން ދޫކޮށްލި ތިން މީހަކު އަލުން އެ ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އަދި އެކަމާ ގުޅިގެން މުޅި ރަށް މޮނިޓަރިންގެ ހާލަތަށް ގެނައެވެ. ނަމަވެސް އެމީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

މީގެ އިތުރުން އެ އަތޮޅު އިނގުރައިދޫ އާއި ހުޅުދުއްފާރުން ވެސް މީގެ ކުރިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 6660 އަށް އަރާފައިވާއިރު އެ ބަލީގައި 26 މީހަކު ވަނީ މަރުވެފައެވެ. އެ ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 2521 މީހުންނެވެ.