ރާއްޖެ ވިއްކުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުގެ ފަރާތުން މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި "ރާއްޖެ ވިއްކުމާ ދެކޮޅަށް"ގެ ނަމުގައި މުޒާހަރާކުރަން ނިންމައިފިއެވެ.

މިއަދު ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ސުޖާއު ވިދާޅުވީ، މި މުޒާހަރާ ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ހުކުރު ދުވަހު ކަމަށާއި މި މުޒާހަރާތައް މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޮންނާނެ ކަމަށެވެ.

ސުޖާއު ވިދާޅުވީ، މި މުޒާހަރާތައް ކުރިއަށްގެންދާނީ ސުލްހަވެރިކަމާއެކު ކަމަށާއި އެ މުޒާހަރާތައް ކުރުމަށް ނިންމީ ސަރުކާރުން ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ދާތީ ކަމަށެވެ. އެގޮތުން ރާއްޖޭގެ ބައިތުލް މާލުން ވައްކަންކޮށް ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާ ގޮތަށް ސަރުކާރުން އަމަލުތައް ބެހެއްޓުމަކީ ވެސް މުޒާހަރާ ކުރުމަށް ނިންމި ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޒާހަރާތަކަކީ، ސަރުކާރުގެ ނޭއްގާނީ ކަންތައްތަކާއި ދިވެހި ރައްޔިތުންގެ ބޮލަށް އިންތިހާއަށް ދަރަނިތައް އިތުރުވަމުން ގެންދިއުމާއި އަދި އަޅުގަނޑުމެންގެ ހަރުމުދާތައް މޯގޭޖުކޮށް ނުވަތަ ހަރުމުދާތައް ވިއްކައިގެން ލޯނު ނަގަމުން އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުން ދަރުވާލަމުން ގެންދާތީ އެކަމާ ދެކޮޅަށް ކުރާ ކަމެއް،" ސުޖާއު ވިދާޅުވިއެވެ.

މި މުޒާހަރާތަކުގައި އިދިކޮޅުގެ ލީޑާޝިޕަށް ބައިވެރި ނުވެވުނު ނަމަވެސް އެ ކޯލިޝަންގެ އެތައް ހާސް ސަޕޯޓަރުންނެއް އެ މުޒާހަރާތަކުގައި ބައިވެރިވާނެ ކަމަށްވެސް ސުޖާއު ވިދާޅުވިއެވެ.