ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމާއެކު ހިދުމަތްދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އާންމު ހިދުމަތްދޭ ތަންތަނުން އަމަލު ކުރޭތޯ ބެލުމަށް ހާއްސަ އޮޕަރޭޝަނެއް ފަށަން ނިންމައިފި އެވެ.
އެޗްޕީއޭ އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، އެ އެޖެންސީ އާއި ސަރުކާރުގެ އެހެނިހެން އިދާރާތަކާ ގުޅިގެން އަންނަ އަންގާރަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަން ހަމަޖައްސާފައިވާ ކަމަށެވެ. ކޮވިޑުގެ އުސޫލުތަކާ ހިލާފަށް ހިދުމަތްދޭ ތަންތަނާ މެދު ތިން ފިޔަވަޅެއް އެޅުމަށް ނިންމާފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އެގޮތުން ފުރަތަމަ ފަހަރު ނަމަ 48 ގަޑިއިރަށް ތަން ބަންދުކުރާނެ އެވެ. ބަންދުކުރާ ތަން އަލުން ހުޅުވުމުގެ ހުއްދަ ދޭނީ އުސޫލާއި އެއްގޮތަށް ތަން އިސްލާހު ކުރުމަށްފަހު އެ އެޖެންސީއަށް އެންގުމުންނެވެ.
ދެވަނަ ފަހަރު ނަމަ ތަން ބަންދުކުރުމަށްފަހު 1000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ. އަދި ތަން އަލުން ހުޅުވުމުގެ ހުއްދަ ދޭނީ ތިން ދުވަސް ތެރޭގަ އެވެ. ތަކުރާރުކޮށް އެ އުސޫލުތަކާ ހިލާފުވާ ތަންތަން ބަންދުކުރުމަށްފަހު ވެސް ޖޫރިމަނާ ކުރަން ހަމަޖެހިފައިވަނީ 1000 ރުފިޔާ އިންނެވެ. ނަމަވެސް އެތަން ހުޅުވުމުގެ ހުއްދަ އަލުން ދޭނީ ފަސް ދުވަސް ތެރޭގަ އެވެ.
އެޗްޕީއޭ އިން ބުނީ، ފުރަތަމަ އިންސްޕެކްޝަނަށްފަހު ކޮވިޑުގެ ޝަކުވާއަކާ ގުޅިގެން ނުވަތަ އެހެން ގޮތަކުން ވެސް އިންސްޕެކްޓް ކުރުމުގައި ގައިޑްލައިނާއި ހިލާފަށް ތަން ހިންގާކަން ފާހަގަކުރެވިއްޖެނަމަ ތިން ވަނަ ފިޔަވަޅު އަޅާނެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)