ރޭގަނޑު 8:00 އާއި ފަތިހު 5:00 އާ ދެމެދު މާލޭ ސަރަހައްދުގެ މަގުމަތީގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށް، އެގަޑިތަކުގައި ދުއްވާ އުޅަނދުފަހަރު ޓޯ ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެ ނިންމުމަކީ ކޭސްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ ބޭރުގައި އުޅޭ ވަގުތު މަދުކުރުމުގެ ބޭނުމުގައި ނިންމި ނިންމުމެއް ކަމަށެވެ. އެގޮތުން މަޝްވަރާއަށްފަހު މިރެއިން ފެށިގެން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00 އަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާވާނެ ކަމަށެވެ.
އެކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޗީފް ސްޕްރިންޓެންޑް އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ އެވަގުތު ތަކުގައި އުޅަނދު ދުއްވާ ނަމަ ފުރަތަމަ ފަހަރަށް ދޭނީ ނަސޭހަތް ކަމަށާއި ދެ ވަނަ ފަހަރަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި އެގޮތަށް ތަކުރާރު ވާނަމަ އުޅަނދު ޓޯ ކުރާނެ ކަމަށާއި އުޅަނދު ދޫ ކުރާނީ ޖޫރިމަނާ ދެއްކުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00އަށް ދެމެދުގައި އެއްވެސް އުޅަނދެއް ދުއްވާ ނަމަ އަޅުގަނޑުމެން ފުރަތަމަ ފަހަރަށް ނަސޭހަތްތެރިވާނަން، އެއަށްފަހުގައި ދެވަނަ ފަހަރު އަޅުގަނޑުމެންނަށް ޗެކް ކުރެވިއްޖެނަމަ ޖޫރިމަނާ ކުރާނަން، އަދި އިތުރު ފިޔަވަޅެއްގެ ގޮތުން މިގޮތަށް ތަކުރާރު ވާނަމަ އެއުޅަނދެއް ޓޯ ކުރާނަން، ޓޯ ކުރުމަށްފަހު އެއުޅަނދެއް ދޫކުރާނީ ޖޫރިމަނާ ދެއްކުމުން،" ޝަރީފް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އުޅަނދު ދުއްވާ ފަރާތާއި އުޅަނދު ވެސް ޖޫރިމަނާ ކުރާނެ ކަމަށާއި އެގަޑީގައި ދުއްވަން އިން ފަރާތަކީ އުޅަނދުގެ ވެރިފަރާތް ނޫންނަމަވެސް އުޅަނދު ވެސް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. މި ނިންމުމާއެކު ރޭގަނޑު 9:30ގައި ފިހާރަތައް ބަންދު ކުރުމަށްފަހު ދާން ޖެހޭނީ ހިނގާފައި ކަމަށާއި އެކަމަށް ހާއްސަ ހުއްދައެއް ނުވަތަ އިސްތިސްނާއެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެގަޑިތަކުގައި އުޅަނދު ދުއްވުން އިސްތިސްނާވާނީ ކުރިންވެސް ކާފިއު ގަޑީގައި ކަނޑައަޅާފައިވާ ފަރާތްތަކަށް ކަމަށާއި އެނޫން ފަރާތްތައް ޖޫރިމަނާ ކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން ފަތިސް ނަމާދަށް މިސްކިތަށް ދާ މީހުންނާއި އިމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަން ޖެހޭ ފަރާތްތަކަށް ވެސް މަނާ ވަގުތު ބޭރުގައި އުޅެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)