ގުޅިފަޅުން ފުލެޓް ގަތުމަށް ފައިސާ ދައްކަން ފަށާފައިވާ މީހުންނާއި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގާކޮށި އަދި ވޭސައިޑުން ދިން ފްލެޓަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު މީހުންނަށް ފުލެޓް ދިނުމަށްޓަކައި ދެ ގޮތެއް ހިޔާރުކުރުމުގެ ފުރުސަތު ދީ، ބަދަލު ހޯދުމުގެ އެއްބަސްވުމުގައި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ސޮއިކުރަން ހައުސިން މިނިސްޓްރީން މިއަދު އަންގައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދައްކާފައިވާ މީހުންނާއި ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ގާކޮށި އަދި ވޭސައިިޑްގެ ފްލެޓަށް ހޮވުނު ނަމަވެސް އެތަނަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު މީހުންނަށް ބަދަލުގެ ގޮތުގައި ދެ ގޮތެއް ހުށަހަޅާފައިވެ އެވެ.

އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ މަޝްރޫއުގެ 6720 ފުލެޓުގެ ތެރެއިން ދެ ކޮޓަރީގެ ފުލެޓެއް ހޯދުން ނުވަތަ މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 1700 ފުލެޓުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓެއް ހޯދުމެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ އެ ދެ ގޮތުން ކުރެ ގޮތެއް އިހުތިޔާރުކުރުމުގެ ލިޔުމުގައި ސޮއި ނުކުރާ މީހުން އަންނަ ބުރާސްފަތި ދުވަހުގެ 1:00 ކުރިން އެ މިނިސްޓްރީއަށް ހާޒިރުވެ ސޮއިކުރުމަށް އެދިފަ އެވެ. ލިޔުމުގައި ސޮއިކުރުމުގެ ފުރުސަތު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ކުން 1:00 ހަމަޖެހިފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ސަރުކާރުގައި 2010 ވަނަ އަހަރު ގުޅީފަޅުން ފްލެޓް ގަތް މީހުންގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 18 އާއިލާއަކަށް ހުޅުމާލޭން ފްލެޓް ދީފައިވެ އެވެ. ނަމަވެސް ބޯހިޔާވަހިކަމުގެ އިންތިޒާރުގައި 140 އާއިލާއަކުން އަދިވެސް ތިބިއިރު، ގުޅިފަޅު ފްލެޓް ގަތުމަށް އެ އާއިލާތަކުން 50 މިލިއަން ރުފިޔާއަށްވުރެ ގިނައިން އެ މީހުން އިންވެސްޓް ކުރިއެވެ. އެމީހުންނަށް މިހާތަނަށް ބަދަލެއް އަދި ފްލެޓެއް ވެސް ލިބިފައެއް ނުވެ އެވެ.

މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ، ގުޅިފަޅުން ހައުސިން ޔުނިޓް ބޭނުންވެގެން ފައިސާ ދައްކައި، ހައުސިން ޔުނިޓް ލިބިފައި ނެތް އާއިލާތަކަށް ސަރުކާރުން ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.