މިދިޔަ ހަފްތާގެ ތެރޭގައި މަނާ ގަޑީގައި ބޭރުގައި އުޅުނު 387 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، މިމަހުގެ 15 އިން 21 ވަނަ ދުވަހާ ހަމައަށް މަނާ ގަޑީގައި ބޭރުގައި އުޅުނު 899 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 387 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު މިދިޔަ ހަފްތާގެ ތެރޭގައި އެންމެ ގިނަ ބަޔަކު ޖޫރިމަނާ ކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެ ދުވަހު އެކަނި ވެސް 120 މީހަކު ޖޫރިމަނާ ކޮށްފައިވެ އެވެ. އަދި އެންމެ މަދުން މީހަކު ޖޫރިމަނާކުރީ އިއްޔެ އެވެ. އެއީ 23 މީހެކެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާތީ، ބަލި ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފަ އެވެ. އެވަގުތުތަކުގައި ބޭރުގައި އުޅުމަށް ހުއްދަ ދީފައިވަނީ ވަކި ބަޔަކަށެވެ.
އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލަންސް އާއި ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ފާސް ލިބިފައިވާ މީހުން ހިމެނެ އެވެ.
މީގެ އިތުރުން ފަތިސް ނަމާދަށް މިސްކިތަށް ދާ މީހުންނާއި އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތްތަކަށް ވެސް މަނާ ވަގުތު ބޭރުގައި އުޅެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު