ކޮވިޑާ ގުޅިގެން އޭއެފްސީ ކަޕު މެދުކަނޑާލުމަށްފަހު އަންނަ މަހު އެ މުބާރާތް އަލުން ފަށާ އިރު، އެންމެ ރަނގަޅަށް ތައްޔާރުވެވޭނީ ފަރިތަކުރުންތައް ކުރިއަށްގެންދަން އެކަށީގެންވާ ވަގުތު ލިބިގެން ކަމަށާއި ފަރިތަކުރުންތައް ފެށޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދޭ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ބުނެފިއެވެ.
ކޮވިޑާ ގުޅިގެން ކުޅިވަރު ހަރަކާތްތައް ހިންގުން މަނާކޮށްފައި އޮތުމުން ރާއްޖޭގެ ފުޓުބޯޅަ ހަރަކާތްތައް ވެސް ވަނީ މެދުކަނޑާލައިފައެވެ. އެހެންކަމުން ހަތަރު މަހެއްހާ ދުވަހު ގިނަ ކުޅުންތެރިންނަށް ފިޓްނަސްގެ ހަރަކާތެއްގައި ބައިވެރިވެފައިނުވުމުން އޭއެފްސީ ކަޕުގެ މެޗުތަކަށް ތައްޔާރުވުމަށް އެ ކުޅުންތެރިންނަށް ވަނީ އެކަށީގެންވާ ވަގުތު ވެސް ބޭނުންވެފައެވެ.
މާޒިޔާ އިން ވަނީ އެ ކްލަބުގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ޓެގުކޮށް، ފަރިތަކުރުންތައް ފެށޭނެ މަގެއް ހޯދައިދިނުމަށް އެދިފައެވެ.
"އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ ބާކީ އޮތް މެޗުތައް ރާއްޖޭގައި ބާއްވާއިރު މި ކްލަބުގެ ފަރިތަކުރުންތައް ވީ އެންމެ އަވަހަކަށް ފެށުމަށް ބޭނުންވޭ. ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާއެކު ފަރިތަކުރުންތައް ފެށުމަށް މި ކްލަބު އޮތީ ތައްޔާރަށް،" މާޒިޔާ އިން ބުންޏެވެ.
މާޒިޔާ އިން ބުނީ ފަރިތަކުރުންތައް ފެށުމަށް ކޮންމެވެސް ގޮތެއް ކަމާބެހޭ އިދާރާތަކުން ހޯދައިދުނުމަކީ އެ ކްލަބުގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި އެންމެ ރަނގަޅަށް ތައްޔާރުވެވޭނީ އެކަށީގެންވާ ވަގުތު ލިބިގެން ކަމަށެވެ.
ކޮވިޑާ ގުޅިގެން މެދުކަނޑާލި މުބާރާތްތަކުގެ ތެރޭގައި އޭއެފްސީ ކަޕު ވެސް ހިމެނެއެވެ. އަދި އަލުން އެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ވަކިވަކި ގްރޫޕުތަކުގެ މެޗުތައް އެއް ގައުމެއްގައި ކުޅޭ ގޮތަށެވެ. އެގޮތުން ރާއްޖޭގެ ކްލަބުތައް ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅުމަށް ނިންމާފައިވަނީ ރާއްޖޭގައެވެ. އެ ގްރޫޕުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން ދެން ހިމެނެނީ އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީ އާއި ބަންގުލަދޭޝްގެ ބަޝުންދަރަ ކިންގްސްއެވެ.
މެދުކެނޑުމަށްފަހު އެ ގްރޫޕުގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި މާޒިޔާ އާއި ބަޝުންދަރަ ބައްދަލުކުރާ އިރު، ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި ޗެންނާއީއެވެ.
ނޭޝަނަލް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެ މުބާރާތުގެ މެޗުތައް ރާއްޖޭގައި ކުރިއަށްގެންދިއުމުގެ ހުއްދަދިނުމާ މެދު އަދި ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި ހާލަތު ގޯސްވެއްޖެ ނަމަ، ކްލަބުތަކުގެ ޕްރެކްޓިސްތަކަށް ވެސް ހުއްދަ ނުދެވޭނެ ކަމަށެވެ.
"މިވަގުތަކަށް ނެތް އެއްވެސް ޑެސިޝަނެއް ނެގިފައެއް. ކުޅުމުގެ ހުއްދަ ދިނުމަށް އަޅުގަނޑުމެން ބަލާނީ މިހާރުވެސް ބަލި އޮތް މިންވަރަށް ބަލާފައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އެއީ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި. އެހެންވީމާ ބަލި ފެތުރޭ މިންވަރަށް ބަލާފައި ގިނަ މީހުން އެއްވެގެން ކުރާ ކަންކަން، ހާއްސަކޮށް ކުޅިވަރު ކަހަލަ ކަންކަން ކުރުމަކީ ހާލަތަށް ބަލާފައި އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ފެންނަ ކަމަށްވަންޏާ، އަޅުގަނޑުމެންނަކަށް އެ ހުއްދަތަކެއް ވެސް ނުދެވޭނެ ޕްރެކްޓިސް ކުރާކަށެއް މިވަގުތު،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެ މުބާރާތުގެ މެޗުތައް ރާއްޖޭގައި ކުރިއަށްގެންދިއުމާ މެދު އެޗްއީއޯސީގައި ކުރިން ވެސް މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި މިހާރު އެއްބަސްވެވިފައިވަނީ މުބާރާތް ކައިރިކޮށްފައި، އިތުރަށް ހާލަތަށް ބެލުމަށްފަހު އެކަމާ މެދު ނިންމުމެއް ނިންމުމަށް ކަމަށެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު