ފްރާންސްގެ ލިޔޯން ބަލިކޮށް، ޖަރުމަންގެ ޗެމްޕިއަން ބަޔާން މިއުނިކުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

ޕޯޗުގަލްގެ އެސްޓާޑިއޯ ހޯސޭ އަލްވަލޭޑްގައި ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ސެމީގެ ދެވަނަ މެޗުގައި ލިޔޯންގެ މައްޗަށް ބަޔާނުން ކުރި ހޯދީ 3-0ގެ ނަތީޖާއަކުންނެވެ.

މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުންދިޔަ ބަޔާނުން ވަނީ މެޗުގެ 18 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޖޯޝުއާ ކިމިޗް ދިން ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަން މިޑްފީލްޑަރު ސާޖް ގްނަބްރީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލިޔޯންގެ ހަތަރު ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން 35 ވަނަ މިނެޓުގައި ބަޔާނުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ގްނަބްރީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ރޮބާޓް ލެވަންޑޯސްކީ ފޮނުވާލި ހަމަލާ، ލިޔޯންގެ ކީޕަރު އެންތޮނީ ލޮޕޭޒް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ވެސް ބަޔާނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 51 ވަނަ މިނެޓުގައި ބަޔާންގެ ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ޕެރިސިޗްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި އެ ހަމަލާގެ ހުރަހަކަށްވީ ލިޔޯންގެ ކީޕަރު ލޮޕޭޒްއެވެ.

މެޗުގައި ބަޔާނުން ޖެހި ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ކިމިޗް ނަގައިދިން ހުރަހަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލިޔޯންގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަޔާން ނުކުންނަން ޖެހޭނީ ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ދެކޮޅަށެވެ. ޕީއެސްޖީން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި 3-0ގެ ނަތީޖާއަކުން ޖަރުމަންގެ ލެއިޕްޒިގް ބަލިކޮށްގެންނެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ބަޔާނާއި ޕީއެސްޖީ ނުކުންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 12:00 ގައެވެ.