ތަހުގީގީ އިދާރާތަކުން ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށްގެންދާނަމަ އެކަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ސަލާމުކަމަށް ގެންނަން އެ އޮފީހުން މިއަދު އަންގައިފިއެވެ.

ޕީޖީ ހުސެއިން ޝަމީމް ވިދާޅުވި ކަަމަށް ޕީޖީ އޮފީހުން މިއަދު ބުނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގެެ ބާރު ލިބިފައިވާ ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ތިން ކަމަކަށް އަމަލުކުރުމަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ކަމަކަށް އަމަލު ކުރަން އެންގީ ތަހުގީގުކުރަމުން އަންނަ މައްސަލައަކީ އެ އިދާރާއަކަށް ތަހުގީގުކުރުމުގެ އިހުތިސޯސް ނުލިބޭ މައްސަލައެއްކަން އެނގިއްޖެނަމަ، އެ މައްސަލައެއް ތަހުގީގުކުރުމުގެ އިހުތިސޯސް ލިބޭ އިދާރާއަކަށް ވީ އެންމެ އަވަހަކަށް ހުށަހެޅުމަށެވެ.

ދެވަނަ ކަމަކަށް އިރުޝާދު ދިނީ ތަހުގީގުކުރަމުން އަންނަ މައްސަލައެއްގައި އެހެން އިދާރާއަކަށް ތަހުގީގުކުރުމުގެ އިހްތިސޯސް ލިބޭ ކުށެއް އެކުލެވިގެންވާކަން އެނގިއްޖެނަމަ، ތަހުގީގު ނިމެންދެން މަޑުނުކޮށް، އެ ކުށުގެ ބައި އެ އިދާރާއަކަށް އަވަހަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އެންމެ ފަހު ކަމަކަށް އެންގީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން، ތަހުގީގީ އިދާރާތަކުން ޖޮއިންޓް އިންވެސްޓިގޭޝަންއެއް ކުރިއަށްގެންދަން ނިންމާނަމަ އެކަން ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް ގެނައުމަށެވެ.

ޖިނާއީ މައްސަލަތައް ތަހުގީގުކުރާ ދައުލަތުގެ އެންމެހައި މުއައްސަސާތަކުން އަމަލުކުރުމަށް ޕީޖީ އިރުޝާދު ނެރުއްވާފައިވަނީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އާއި ޕީޖީގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ރ) އިން ޕީޖީއަށް ލިބިދޭ ބާރުގެ ދަށުންނެވެ.