އިގުތިސޯދަށް ދިރުން ލިބޭނީ ޒުވާނުންގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 1442 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.
ރައީސް ވިދާޅުވީ މި ފެށުނު 1442 ވަނަ އަހަރަކީ ނިމިގެންދިޔަ އަހަރަށްވުރެ، ހުރިހާ ގޮތަކުންވެސް ރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް އިތުރު ތަނަވަސްކަމާއި ފާގަތިކަން ލިބި، ކުރިއެރުމާއި ބާއްޖަވެރިކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ އަހަރެއް ކަމުގައި ލެއްވުމަށް އެދޭ ކަމަށެވެ.
ރައީސް ވިދާޅުވީ ހިޖުރައިން ލިބިދޭ އެންމެ މަތިވެރި އިބުރަތަކީ މުސްލިމުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ބަދަހިކޮށް އެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ކަމަށާއި އުންމަތެއްގެ ގޮތުގައި ނުވަތަ ދައުލަތެއްގެ ގޮތުގައި ދެމިތިބެން ބޭނުންނަމަ، އެ ދައުލަތެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދެމިއޮތުން މުހިންމު ކަމަށެވެ. އަދި ކުރިއެރުމާއި ތަރައްގީއަށް އެދޭނަމަ އެންމެހައި ރައްޔިތުން އެއް އަޒުމެއްގައި އެއް އަމާޒަކަށް ގަދައަޅައި މަސައްކަތް ކުރުމުގެ ބޭނުންތެރިކަން ބޮޑުކަންވެސް ހިޖުރައިން ލިބިދޭ ފިލާވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން، ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެވެސް މިހާރު ތަޖުރިބާކުރަމުން ދަނީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެތައް ހުރަސްތަކެއް ކުރިމަތިވެ ތަރައްގީގެ ދުވެލި ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކޮވިޑް 19ގެ ހުރަސްތައް ގިރާކޮށް، ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ދިއުމަށްޓަކައި ސަރުކާރުން މި ކުރާ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުން ނުހަނު ބޮޑަށް ބޭނުންވޭ. އަޅުގަނޑުމެން އުންމީދުކުރާ ފަދަ ހަލުވި ދުވެއްޔެއްގައި އިގްތިސޯދަށް ދިރުން ލިބެން ފަށާނީ، ވިޔަފާރި އާއި އިގުތިސޯދީ އެންމެހައި ހަރަކާތްތަކުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެންކަން ޔަގީން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހިޖުރައިން ލިބިދޭ މަތިވެރި އިރުޝާދުތަކާއެކު މިފަދަ ނާޒުކު ހާލަތްތަކުގައި އުޅުންތަކާއި ގުޅުންތައް ބެހެއްޓުމަށް ހަނދާންކުރަންޖެހޭ ކަމަށެވެ.
"އެއީ ދަތި އުނދަގޫ ހާލަތްތަކުގައި، އާއިލާގެ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި މުޖުތަމައުގެ އެއް ބަޔަކު އަނެއް ބަޔަކަށް، އަޅާލައި އޯގާތެރިވެ އުޅުން. ކުޑަކުދިންނަށް ކަމޭހިތުމާއި، އަންހެނުންނަށް އޯގާތެރިވުމާއި، މުސްކުޅިންނަށް އެހީތެރިވުން. މިއަދު އަޅުގަނޑުމެންގެ އަޒުމަކަށް ހަދަންވީ، އިޖުތިމާއީ އަދާލަތު ގާއިމުކޮށްދޭ މިފަދަ ރީތި ސިފަތައް، އަޅުގަނޑުމެންގެ ކިބައިގައި އަލުން ހަރުލެއްވުން،" ރައީސް ވިދާޅުވިއެވެ.
މިއަދު މިފެށުނު ހިޖުރީ 1442 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށް ތިޔާގިކަމާއި ތަނަވަސްކަން ގެނެސްދޭނެ އަހަރެއް ކަމުގައި ލައްވައި، އެންމެހާ މުސްލިމުންނަށް ރަޙްމަތާއި ނިއުމަތުން ފުރިގެންވާ އަހަރެއް ކަމުގައި ލެއްވުން އެދޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު