ކުރިއަށް އޮތް ދެ ހަފުތާގައި މާލޭގެ ސްކޫލުތައް ނުހުޅުވަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ވަނީ ‏ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން، މާލޭ ސިޓީގެ ސްކޫލްތަކުގައި ކުރިއަށްއޮތް ދެ ހަފުތާގައި އޮންލައިންކޮށް ކިޔެވުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

“‏މި ނިންމުން ދެ ހަފުތާ ފަހުން މުރާޖައާ ކުރެވޭނެ ވާހަކަ މައުލޫމާތަށްޓަކާ ދަންނަވަން،”މިނިސްޓްރީން ބުންޏެވެ.

އީދު ބަންދާއި މިޑް ޓާމު ބަންދަށްފަހު މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން މާލޭގެ ސްކޫލުތައް ހުޅުވައި ކިޔެވުން ފެށުމަށް ވެސް މީގެ ކުރިން އޮތީ ހަމަޖެހިފައެވެ. ނަމަވެސް މި މަހުގެ 19 އަށް ސުކޫލުތައް ނުހުޅުވަން ސަރުކާރުން ނިންމިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތުތައް ވެސް މަދުކޮށްފައެވެ. އެގޮތުން ކިޔަވައިދިނުން 45 މިނިޓުން 35 މިނިޓުގެ ވަގުތަކަށް މަދުކޮށްފައެވެ. އެ ބަދަލާއެކު ކޮންމެ ހަފުތާއަކު ނަގަންޖެހޭ މާއްދާތަކުގެ އަދަދުތަކަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.