ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ޕަޕެޓެއް" ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ސަރުކާރުގައި ޖުޑީޝަރީ ހަރުދަނާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހަށް އަމާޒުކޮށް އާދަމް ޝަރީފު ވިދާޅުވީ، ދެން އަންނަ ސަރުކާރަކުން އެ ދެބޭފުޅުންނަށް ބަދަލު ހިފަން ޖެހިލުން ނުވާނެ ކަމަށެވެ.
"ޖުޑީޝަރީ، ހަރުދަނާ ކުރުމުގެ ވިސްނުމެއް ސަރުކާރަކު ނެތް. ސަރުކާރުގެ ނުފޫޒު ފޯރުވައިގެން މިއަދު ހުކުމު ކުރާ މީހަކު، ދެން އަންނަ ސަރުކާރަކުން ނުފޫޒު ފޯރުވައިގެން މަނިކުފާނަށް ހުކުމު ކުރާކަށް ޖެހިލުމެއް ނުވާނެކަން ވިސްނުން ބުއްދިވެރި!" އާދަމް ޝަރީފް ވިދާޅުވިއެވެ.
ޖޭއެސްސީއަކީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ޕަޕެޓެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އިރު، މި ސަރުކާރުން އެންމެ ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތަކީ ޖުޑީޝަރީ ރީފޯމް ކުރުމުގެ މަސައްކަތެކެވެ. ނަމަވެސް ޖޭއެސްސީގައި އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުން ތިއްބަވާތީ އެ ކޮމިޝަންގެ ނަޒާހަތްތެރިކަމާ މެދު އިދިކޮޅު ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު