ޓްރެފިކް މައްސަލަތަކުގައި ކުރާ ޖޫރިމަނާގެ އަދަދު 10,000 ރުފިޔާއަށް ވުރެ އިތުރުވާ މީހުން އިތުރަށް ޖޫރިމަނާ ކުރުމުގެ ބަދަލުގައި އެފަދަ މީހުން މުޖުތަމައަށް ފައިދާ ކުރާ ފަދަ ހިދުމަތެއް ނުވަތަ މަސައްކަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދިނުމަށް ހިމަނައިގެން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރީ ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 62 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އުޅަނދު ފަހަރު ދުއްވާނެ ވަކި ބާރުމިނެއް ކަނޑައަޅައި ކުރާނެ ޖޫރިމަނާތަކެއް ވެސް އެ ގާނޫނުގެ ދަށުން ހަދާ ގަވައިދެއްގައި ކަނޑައަޅަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައި ވެއެވެ.

އެގޮތުން ފުރަތަމަ ފަހަރު ގަވައިދާ ހިލާފުވެއްޖެނެމަ 500 ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި އެކަން ތަކުރާރުކޮށްފިނަމަ ދެން ވާނެ ގޮތް ބުނެދީ ނަސޭހަތްތެރިވުމަށް ވަނީ ހިމަނައިފައެވެ.

އެކަން އިތުރަށް ތަކުރާރު ކޮށްފިނަމަ 750 ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެ އުޅަނދު ދުއްވި މީހާއަށް ދޫކޮށްފައިވާ ލައިސަންސް 48 ގަޑިއިރަށް ހިފެހެއްޓޭނެ ކަމަށްވެސް ބުނެފައި ވެއެވެ. އެއަށްވުރެ އިތުރަށް ލައިސަންސް ހިފަހައްޓަން ޖެހިއްޖެ ނަމަ ކޯޓު އަމުރެއްގެ ދަށުން އެމީހެއްގެ ލައިސަންސް ހިފެހެއްޓިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ތިން ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1000 ރުިފޔާއިން ޖޫރިމަނާކުރުމާއެކު އެމީހަކު ދުއްވާ އުޅަނދު، 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިދާނެ ކަމަށް ވެސް ހިމަނާފައި ވެއެވެ.

ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދުފަހަރު ދުއްވައިގެން މީހެއްގެ ހަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން، އެ އުޅަނދު ދުއްވި މީހާގެ މައްޗަށް ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ދައުވާ އުފުލުމުގެ އިތުރުން، ހަށިގަނޑަށް ލިބުނު ގެއްލުމުގެ ކުޑަ ބޮޑުމިނަށް ބަލައި އެ އުޅަނދު ދުއްވިމީހާގެ ލައިސަންސް ހަ މަސް ދުވަހާއި ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓިދާނެ ކަމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

ތްރެފިކް ގަވާއިދާހުިލާފްވާ ފަރާތްތަކާއި، އެއްގަމު އުލަނދު ދުއްވުުގެ ގާނޫނާއި ގަވާއިދާ ހިލާފްވާ ފަތާތްތައް ކުރަންޖެހޭ ޖޫރިމަނާތައް ބިލުފގައިވަނީ ހިމަނަގައިފައެވެ.

ބިލުގައި ބުނެފައި ވަނީ މި ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއެއް އެއްވެސް ފަރާތަކުން ނުދައްކައި އޮވެއްޖެނަމަ އެފައިސާއެއް ވާނީ އެމީހަކު ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއް ކަމަށެވެ. ޝަރީއަތަށް ހުށަހަޅައިގެން އެފައިސާ ހޯދުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިގެންވާ ކަމަށްވެސް ގާނޫނުގައި ބުނެފައި ވެއެވެ.

ގާނޫނުގައި އެހެން އޮތް ނަމަވެސް "މި ގާނޫނުން ޖޫރިމަނާ ކުރެވޭ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާގެ އަދަދު 10،000 ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި އެމީހަކު މުޖުތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ހިދުމަތެއް ކުރުމަށް މުޖުތަމައަށް ނެރުމުގެ އަމުރަކަށް އެދި ޝަރީއަތަށް ހުށަހެޅުމުގެ ބާރު މީރާއަށް ލިބިގެންވާ ކަމަށް،" ބިލުގައި ވަނީ ބުނެފައެވެ.

ކޯޓުން ނެރޭ އެފަދަ އަމުރެއް ތަންފީޒު ކުރުމާބެހޭ ގަވައިދު، މި ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި ގެޒެޓްގައި ޝާއިއުކުރަން ޖެހޭ ކަމަށްވެސް ބިލުގައި ބުނެފައި ވެއެވެ.