ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް 75 ވެންޓިލޭޓަރު ހޯދުމަށް ހަވާލުކުރިއިރު އެ ކުންފުންޏަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރެކޮމެންޑް ކޮށްފައިވާ ސަޕްލަޔަރެއް ނޫން ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައިވާ ގޮތުން ރާއްޖެއަށް 145 ވެންޓިލޭޓަރު ގެންނަން ތިން ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން ދުބާއީ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރިއިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައި ނުވާ ކަމަށެވެ. އަދި އެ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ 34,502,250 ރުފިޔާއަށް ކަމަށާއި މިފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާ ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއްކަން ބަލަން ޖެހުނުއިރު، އެކަން ކޮށްފައި ނުވާ ކަމަށް ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން މި ކުންފުންޏަކީ މީގެ ކުރިން ދިވެހި ސަރުކާރާއެކު އެއްވެސް ވަރަކަށް މުއާމަލާތެއްވެސް ކޮށްފައިނުވާ ކުންފުންޏެއް ކަމަށްވެސް ރިޕޯޓުގައިވެއެވެ.
އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި މިއަދު އާއްމުކުރި އޮޑިޓު ރިޕޯޓުގައި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަންނީ އަދި މާލީ ގާބިލުކަން ވަޒަންނުކޮށް، އެ ފަރާތަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ އެ ފަރާތަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާގޮތަށް، ހެލްތު މިނިސްޓްރީން ލިޔެކިއުންތަކުގަ އާއި އެ މިނިސްޓްރީން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވާފައި ހުރި ލިޔެކިއުންތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެގޮތުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ މި މަސައްކަތް ހަވާލުކުރުމުގެ ހުއްދައަށް އެދި، ހެލްތު މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީގައި އެކުންފުންޏަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން އެ އިދާރާގެ އެމަޖެންސީ ޕްރިޕެއާޑްނެސްގެ ދަށުން ތަކެތި ސަޕްލައިކުރުމަށް އެކަށީގެންވާ ކުންފުންޏެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ހެލްތުގެ ފައިނޭންސް އެގްޒެކެޓިވް، މިނިސްޓްރީގެ ބިޑް ކޮމިޓީއަށް އޭޕްރީލް އެކެއްގައި ފޮނުވި މެމޯގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ހޮވާފައިވަނީ ހެލްތު މިނިސްޓްރީ އާއި ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވްގެ މަޝްވަރާގެ މަތިން ކަމަށާއި ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރު ސަޕްލައި ކުރާ ކުންފުންޏެއްގެ ގޮތުގައި، އެ ކުންފުނިން ސަޕްލައި ކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރުތަކުގެ ލިސްޓެއް އެ އިދާރާއިން އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން 75 ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާ ހަވާލުކުރުމާ މެދު ގޮތެއް ނިންމުމަށް ހެލްތުގެ ބިޑް ކޮމިޓީގެ 2020 ވަނަ އަހަރުގެ 33 ވަނަ ޖަލްސާގެ ޔައުމިއްޔާގައި، އެގްޒެކިއުޓާސް ހޮވާފައިވަނީ ޑަބްލިއުއެޗްއޯ އިން ދީފައި ހުރި ކުންފުނިތަކުގެ ތެރެއިން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
"ބިޑް ކޮމިޓީގެ ޗެއާ، ކޮމިޓީގެ ޖަލްސާ ކުރިއަށް ދަނިކޮށް، ޑަބްލިއުއެޗްއޯގެ ރާއްޖޭގެ ކަންޓްރީ އޮފީހުގައި މަސައްކަތްކުރާ ނޭޝަނަލް ޕްރޮފެޝަނަލް އޮފިސަރަށް ފޯނުން ގުޅައި ވެންޓިލޭޓަރުތަކުގެ ލިސްޓެއް އޮންނާނެތޯ އާއި މި ލިސްޓު ހޯދާފައިވާ ގޮތް އޮޅުންފިލުވި ކަމަށާއި މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯގެ ރާއްޖޭގެ ކަންޓްރީ އޮފީހުގައި މަސައްކަތްކުރާ ނޭޝަނަލް ޕްރޮފެޝަނަލް އޮފިސަރު، ޑަބްލިއުއެޗްއޯ އިން ވެންޓިލޭޓަރުތަކުގެ ލިސްޓެއް ދެއްވި ކަމަށް މައުލޫމާތު ދިން ކަމަށާއި އެގްޒެކިއުޓާސް އަކީ ޑަބްލިއުއެޗްއޯއަށް އެ ފަރާތަކުން ވެންޓިލޭޓަރު ފަދަ ތަކެތި ގަންނަ ފަރާތެއްކަން އަންގައިދިން ކަމަށް ބިޑް ކޮމިޓީގެ ޔައުމިއްޔާގައި ބަޔާންކޮށްފައިވޭ،" ރިޕޯޓުގައިވެއެވެ.
ރިޕޯޓުގައިވަނީ 75 ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާ އެކު ވެފައިވާ އެއްބަސްވުމާ ގުޅިގެން ހެލްތު މިނިސްޓްރީން ޕާފޯމަންސް ގެރެންޓީއެއް ނަގާފައި ނުވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން އެއްބަސްވެފައިވާ ގޮތަށް ވެންޓިލޭޓަރުތައް ފޯރުކޮށްދޭން ބާރުއަޅައި، އެކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީއަށް ހޯދިފައި ނުވާ ކަމަށެވެ.
ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ހެލްތުން ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ދެ ފަހަރެއްގެ މަތިން މި ޕްރޮޖެކްޓުގެ އަގުގެ ޖުމްލަ %90 ކަމުގައިވާ 30.9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައިވާ ކަމަށާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހޯދާފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.
އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނުހޯދައި، ޕްރޮޖެޓްގެ ޖުމްލަ އަގުގެ ބޮޑު އަދަދެއް އެޑްވާންސްގެ ގޮތުގައި ދީފައިވުމުގެ ސަބަބުން، އެގްޒެކިއުޓާސްގެ ފަރާތުން މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ހޯދުމަކީ ދަތިކަމަކަށް ވާނެ ކަމަށެވެ. އަދި މާލީގޮތުން ބޮޑު ގެއްލުމަކަށް ދައުލަތް ހުށަހެޅިފައި އޮތް ކަމަށްވެސް ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން މައުލޫމާތު ހުށަހަޅާފައިވާ ވެންޓިލޭޓަރުތަކާ ގުޅޭގޮތުން ބިޑް ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން، ހެލްތު މިނިސްޓްރީގެ ބަޔޯމެޑިކަލް އިންޖިނިއަރު ފާހަގަކޮށްފައިވާ ކަންކަމަށް އެ ކޮމެޓީން ރިއާޔަތް ކޮށްފައިނުވާ ކަމަށެވެ. އަދި ބިޑް ކޮމިޓީން ގަތުމަށް ނިންމި ވެންޓިލޭޓަރުގެ ބްރޭންޑާއި އެއްބަސްވުމުގައި ހިމަނާފައިވާ ބްރޭންޑް ތަފާތުވުމާއި ވެންޓިލޭޓަރުތަކުގެ ތެރެއިން ބައެއް ފޯރުކޮށްދީފައިވާއިރު އެ ވެންޓިލޭޓަރުތައް ބަލައިނުގަތުމަށް ފަންނީ ޓީމަކުން ލަފާދީފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.
ރިޕޯޓުގައި ވަނީ 75 ވެންޓިލޭޓަރު ސަޕްލައި ކުރުމާ ބެހޭގޮތުން އެގްޒެކިއުޓާސް އާއި ހެލްތު މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޕްރޮޖެކްޓުގެ އަގުގެ %75 ދައްކާތާ 29 ދުވަސް ތެރޭގައި ވެންޓިލޭޓަރުތައް ސަޕްލައިކޮށް ނިންމަން ޖެހެއެވެ. އެގޮތުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އޭޕްރީލް ދޭއްގައި އެޑްވާންސް ޕޭމަންޓް ދައްކާފައިވީ ނަމަވެސް އޮގަސްޓް ހަވަނަ ދުވަހާ ހަމައަށްވެސް ވެންޓިލޭޓަރުތައް ހަމައަށް ފޯރުކޮށްދީފައި ނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.
ރިޕޯޓުގައި އިތުރަށް ވަނީ އެގްޒެކިއުޓާސްއާއެކު ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރު ކަމަށާއި އެ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސްއާއެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް 501،150 ރުފިޔާއަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް ހެލްތު މިނިސްޓްރީން ދިވެހި ބައެއް ކުންފުނިތަކާއެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު