މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ, ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިދޭ ވަކީލުންނާ ބައްދަލުކުރުމުގެ ހައްގަށް އިހުމާލުވި ފަރާތްތަކަށް ދައުވާކުރާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ބުނެފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ހިޔާނާތުގެ އާ ދެ ދާއުވާގެ ޝަރީއަތުގެ މަޖިލީހަށްފަހު ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމު ވިދާޅުވީ، މިދިޔަ ހަތަރު މަހު ރައީސް ޔާމީނާ ގާތުން ބައްދަލުކުރުމުގެ ފުރުސަތު ވަކީލުންނަށް ލިބިފައިނުވާ ކަމަށެވެ.

އެގޮތުން 10 މިނެޓުގެ ފޯނު ކޯލެއްދޭ އިރު ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ބޮޑެތި މައްސަލަތަކާ މެދު މަޝްވަރާކުރުމަށް އެއީ އެކަށީގެންވާ ވަގުތެއް ނޫން ކަމަށާއި ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ރައީސް ޔާމީން އަމިއްލަފުޅަށް ބައްލަވައި، އެކަންކަމާ ގުޅިގެން ވަކީލުންނާ ހިއްސާކުރަންޖެހޭ ކަންކަން ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަކީލު ޝަމީމު ވިދާޅުވީ، ރައީސް ޔާމީން ހުންނެވީ ދައުލަތުގެ ބެލުމުގައި ދަށުގައި ކަމަށްވާއިރު އެމަނިކުފާނު އިހުތިޔާރުކުރާ ގާނޫނީ ވަކީލުން ބޭނުންކޮށްގެން ދިފާއުވުމުގެ ހައްގަކީ ގާނޫނުއަސާސީން ރައީސް ޔާމީނަށް ލިބިގެންވާ ހައްގެއް ކަމަށެވެ.

އޭގެ އިތުރުން ގާނޫނުއަސާސީގައި ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި ގާނޫނާއި އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނަގަހައްޓަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާއިރު އަދި ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރުމާއި އެ ބާބުގައި ބަޔާންވެގެންވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ބުނެފައިވާއިރު ރައީސް ޔާމީނަށް ލިބިދޭ ހައްގަށް ސަރުކާރުން ކަނޑައެޅިގެން ހުރަސް އަޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވި=އެވެ.

"ހޯމް މިނިސްޓްރީގެ ދަށުގައި މިއޮންނަ ކަރެކްޝަންސް އަދި ހޯމް މިނިސްޓަރަށް ވެސް ދަންނަވާލާނަން، ތިބޭފުޅުން ތިވަނީ ރައީސް ޔާމީންގެ އަސާސީ ހައްގަކަށް އަރައިގެންފައޭ. އަޅުގަނޑުމެން ހަމަ ޔަގީނުން މި ދަންނަވަނީ ދައުލަތުން، ހޯމް މިނިސްޓްރީ އާއި ކަރެކްޝަންސް އިން ރައީސް ޔާމީންގެ އަސާސީ ހައްގަކަށް އަރައިގެންފައިވާތީ އެކަން ކުށްވެރިކުރަން އަދި މިކަމަށް އަރައިގަނެ އެކަމަށް އިހުމާލުވި ފަރާތްތަކަށް ކަނޑައެޅިގެން ދައުވާ ކުރާނަން،" ވަކީލު ޝަމީމު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ވަނީ ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭ ކަމަށާއި މައްސަލައާ ބެހޭ ލިޔުންތައް ވެސް ނުލިބޭކަން ތަކުރާރުކޮށް ފާހަގަކުރައްވައިފައެވެ.

އެގޮތުން ދައުވާއާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ލިބިވަޑައިގެންފައިނުވާތީ އާއި ދައުވާތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެއްނެތި ވަކި އެއްޗެއް ވިދާޅުވާން ދަތިފުޅު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ދައުލަތުން ބުނާ އިތުރު ލިޔުންތައް ލިބިގެން ނޫނީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށާއި ވަކީލުންނަށް ރައީސް ޔާމީނާ ބައްދަލު ނުކުރެވެނީސް އަޑުއެހުން ކުރިއަށްގެންދަން ދެކޮޅު ހައްދަވާ ކަމަށެވެ.

އެހެންކަމުން ގާޒީ އަހުމަދު ޝަކީލް ވަނީ ކަނޑައެޅިފައިވާ މުއްދަތުގައި ރައީސް ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުވެފައި ނުވާކަން ދެ ފަރާތުގެ ވާހަކަތަކުން އެނގޭތީ، ރައީސް ޔާމީނާ ބައްދަލުކުރުމުގެ ފުރުސަތު ގާނޫނީ ވަކީލުންނަށް ދިނުމަށް ކަރެކްޝަނަލް ސާވިސްއަށް އަންގަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމާ ބެހޭ އަމުރެއް ކޯޓުން ނެރުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.