ރ. ހުޅުދުއްފާރަށް ހޯމް ކަރަންޓީނަށް ދިޔަ އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު، އެޗްއީއޯސީން މައުލޫމާތު ދިން ގޮތުގައި ޕޮޒިޓިވްވެފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މި މީހާގެ އިތުރުން ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގައި ހުރި އަންހެނެއް ކޮވިޑަށް ޕޮޒިޓިވް ވި ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދީފައިވެއެވެ.
މިކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ހުޅުދުއްފާރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު އަބްދުﷲ ޝަރީފް ވިދާޅުވީ ޕޮޒިޓިވްވި ދެމީހުންގެ ހާލު ރަނގަޅު ކަމަށެވެ. މި ދެމީހުން ކޮވިޑަށް ޓެސްޓުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި، ދެމީހުންގެވެސް ނަތީޖާ ލިބިފައިވަނީ މިއަދު ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިހާތަނަށް ހުޅުދުއްފާރުން ޖުމުލަ ހަތަރު މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މިއަދު ޕޮޒިޓިވްވިކަން އެނގުނު ދެ މީހުންނާއެކު ޖުމުލަ ތިން އެކްޓިވް ކޭސްއަށް ހެލްތު ސެންޓަރުން އެޓެންޑު ވަމުން އަންނަ ކަމަށެވެ. އެގޮތުން މި މީހުންގެ ހާލަތު ކޮންމެ ދުވަހަކުވެސް ބަލަމުން އަންނަ ކަމަށާއި، އެހެން ފެސިލިޓީއަކަށް މި މީހުން ބަދަލު ކުރާނީ އިތުރު ފަރުވާ ދޭން ޖެހިއްޖެ ހާލަތެއްގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ ޖުމުލަ އަދަދު 5679 އަށް އަރާފައިވާއިރު، އެބަލިން ފަސޭހަވި މީހުންގެ އަދަދަކީ 3208 އެވެ. އަދި އެ ބައްޔަށް 2449 މީހަކު މިހާރު ވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 22 މީހަކު ވަނީ މަރުވެފައެވެ. އެއީ 17 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު