މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ, ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މޫދަށް އެރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މާފުށީ ޖަލުގައި ޓްރެކެއް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނަށް ޖަލުން ލިބޭ ހިދުމަތްތައް އިތުރު ކުރުމާ ގުޅޭގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ މިނިސްޓަރު އިމްރާންއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ޔާމީނަށް ފެތޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އިދިކޮޅުން ވަނީ އެދިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕޮރޮގްރާމްގައި މިނިސްޓަރު އިމްރާން ވިދާޅުވީ މާފުށި ހިއްކަން ފެށުމުން ޖަލު ސަރަހައްދުގެ މޫދުގެ އޮއެވަރު ބާރު ވެފައިވާތީ އެ ހިސާބަށް ރައީސް ޔާމީން މޫދަށް އެރުއްވުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ.
"އަޅުގަނޑު އެތަނަށް ގޮސް ބެލިއިރުގައި މާފުށި ހިއްކަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން މޫދަށް އެރެން އޮތް ތަނަށް ވަރަށް ބާރު އޮއިވަރެއް އާދޭ. އެހެންވެ އަޅުގަނޑު ދެންނެވިން އަޅުގަނޑަކަށް ނުކުރޭނޭ އެ ހާލަތުގައި އޮއްވައި ރައީސް ޔާމީން އެމޫދަށް އެރުވާކަށް. އެހެންވެ އެތަނުގައި މޫދަށް އެރެވޭނެ އިންތިޒާމު ހަމަޖައްސާނަމޭ، ކޮންމެވެސް ވަރެއްގެ ޓްރެކެއް ހަދާފަ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިމްރާން ވިދާޅުވި ގޮތުގައި، ޓްރެކުގެ މަސައްކަތް ކުރަން ފެށުނުތަނާ ކޮވިޑް-19އާއެކު މާލެ ސަރަހައްދު ލޮކްޑައުން ވުމުން، އެ މަސައްކަތް މިހާރު އޮތީ އެއްކޮށް ހުއްޓިފަ އެވެ. އަދި މި ހާލަތުން އަރައިގަތުމުން އެކަން ކޮށްދޭނެކަން އިދިކޮޅުގެ ބޭފުޅުންނަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ރާއްޖޭގެ ޓީވީ ޗެނަލްތައް ބެލޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އިދިކޮޅުން އެދުނު އެދުމާ ގުޅިގެން މިނިސްޓަރު އިމްރާން ވިދާޅުވީ، ދާދި ފަހުން ޖަލުގެ ކަރަންޓާއި ފްރީކުއެންސީއަށް ދިމާވި މައްސަލައަކާ ގުޅިގެން ޓީވީގެ ހިދުމަތް މެދުކެނޑުނު ކަމަށެވެ. ނަމަވެސް ޓީވީއެމްގެ ހުރިހާ ޗެނަލްތައް މިހާރު ލިބޭނެ ގޮތް ހަމަޖައްސައި އިތުރު ޗެނަލްތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު އިމްރާން ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ބަންދު ކުރި ދުވަހުން ފެށިގެން ޖަލުގައި ކުރިން ދެމުން އައި ހިދުމަތްތަކަށްވުރެ، ހިދުމަތް ވަރަށް ބޮޑަށް ވަނީ ރަނގަޅުކޮށްފަ އެވެ. އެކަން އޭނާގެ ބެއްލެވުމުގެ ދަށުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި މި ސަރުކާރުން އަސާސީ ހިދުމަތް އެއްވެސް ރައްޔިތަކަށް އުނި ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
"އެބޭފުޅުން (ރައީސް ޔާމީންގެ ސަރުކާރުން) އަޅުގަނޑުމެންނާ ދޭތެރޭގައި ކަންތައް ކުރި ގޮތަށްވުރެ މާބޮޑުތަނުން ރަނގަޅަށް ކަންކުރާނެކަން އަދި އެކަން ކުރާކަން ވެސް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު