ކޮވިޑްގެ ޕޮޒިޓިވް ނުވަ މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށާއި ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް ޖެހުނު ނުވަ މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

"146 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވޭ. އަދި ނުވަ ޕޭޝަންޓަކު ވަނީ އައިސީޔޫގައި. މީގެ ތެރެއިން ތިން މީހަކު ވަނީ ވެންޓިލޭޓަރުގައި،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމަށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ބަލި ޖެހޭ މީހުންގެ ތެރޭގައި ގިނައީ ޒުވާނުން ކަމަށެވެ.

މި ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި 107 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 5679 އަށް އަރައިފިއެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން 22 މީހަކު މަރުވެފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.