ރ. އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ގަސްދުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އެ މައްސަލައާ ގުޅިގެން ރ. އަލިފުށި ކަސްތޫރިގެ، އަލީ އަމީންގެ މައްޗަށް ގަސްދުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާ އާއި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން އަނިޔާއެއް ދިނުމުގެ ދައުވާ އުފުލައި މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ މަހުގެ ދެވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ 32 އަހަރުގެ އަލީ އަމީން ހައްޔަރުކޮށްފައެވެ.

އެ އަންހެން މީހާއަށް އެރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވެއެވެ. އެމީހާގެ އަނގަޔަށް ލައްފިލުވާ އެޅި ނަމަވެސް ހަށިގަނޑުގެ އެތެރެއަށް ލައްފިލުވާއެއް ނުދެއެވެ.