ފ. ނިލަންދޫ އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، އެރަށު ހޯމް ކަރަންޓީނުގައި ހުރި އުމުރުން 36 އަހަރާއި 56 އަހަރުގެ ދެ އަންހެނުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެމީހުން ޕޮޒިޓިވްވި ކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ނެގި ސާމްޕަލުން ކަމަށް ވެސް އެ ސެންޓަރުން ބުނެ އެވެ.

މި ދެ ކޭސްއާއެކު ނިލަންދޫން ފެނުނު ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ ހަތަރަކަށް އަރައިފަ އެވެ.

އެރަށުން ފުރަތަމަ ޕޮޒިޓިވްވީ ވެސް ހޯމް ކަރަންޓީނުގައި ހުރި ދެ މީހެކެވެ. އެއީ އުމުރުން 30 އަހަރާއި 43 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެމީހުން ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ނެގި ސާމްޕަލުންނެވެ. ނަމަވެސް މި މީހުންނާއި ފަހުން ޕޮޒިޓިވްވި ދެ މީހުންނާ ކޮންޓެކްޓު ވެފައިވާ ކަމެއް އަދި ނޭނގެ އެވެ.

ނިލަންދޫން ފެނުނު ފުރަތަމަ ދެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށް އެރަށަށް މިހާރު އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.