ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމުގައި ހުސައިން ޝަމީމު ހުރެގެން އެމްއެމްޕީއާރުސީއާގެ މައްސަލައިގައި އުފުލާ ކޮންމެ ދައުވާއެއް ވާނީ ބާތިލު ދައުވާއަކަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވި އިރު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ހިޔާނާތުގެ ދެ ދާއުވާގެ ޝަރީއަތް އަންނަ އާދީއްތަ ދުވަހު ފަށަން ވަނީ ނިންމައިފި އެވެ.

އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ވަކީލަކީ ޝަމީމު ކަމަށާއި އެހެންކަމުން ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްވާނެ ކަމަށެވެ.

"ޕީޖީއަކަށް ޝަމީމު ހުރެގެން އެމްއެމްޕީއާރުސީއާ ގުޅިގެން އުފުލައި ކޮންމެ ދައުވާއެއް ވާނީ ބާތިލު ދައުވާއަކަށް،" އަދުރޭގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަންނަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކޮށްފައިވަނީ ދައުލަތުގެ ފަރާތުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިން ބުނެފައިވާ ގޮތުން، ރައީސް ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) އެމެރިކާ ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފަ އެވެ.

އެ މައްސަލައިގެ ތެރެއިން ޖުމްލަ 38،334،560 (ތިރީސް އަށް މިލިއަން ތިން ލައްކަ ތިރީސް ހަތަރު ހާސް ފަސް ސަތޭކަ ފަސްދޮޅަސް) އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.

އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 (އެއް މިލިއަން ތިން ލައްކަ ސާޅީސް ނުވަ ހާސް އަށް ސަތޭކަ އަށްޑިހަ ފަސް) އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 (ދެ މިލިއަން ދެ ލައްކަ ނުވަދިހަ ފަސް ހާސް ދުއިސައްތަ ފަންސާސް) އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 (ތިރީސް ހަތަރު މިލިއަން ހަ ލައްކަ އަށްޑިހަ ނުވަ ހާސް ހަތަރު ސަތޭކަ ފަންސަވީސް) އެމެރިކާ ޑޮލަރެވެ.