ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 22 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ ދަންވަރު 1:45 ހާއިރު، ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ހޯދަމުންދިޔަ 61 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށެވެ.

މިއީ ކޮވިޑް19ގައި މިހާތަނަށް ރާއްޖޭގައި މަރުވި 22 ވަނަ މީހާއެވެ.

މިހާތަނަށް މިބަލީގައި މަރުވެފަައިވަނީ 17 ދިވެހިންނާއި 5 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. އެއީ 83 އަހަރުގެ އަންހެނެކެވެ. އަދި މިއަދު މަރުވި މީހާއަކީ މިމަހުގެ ތެރޭގައި ކޮވިޑް ޖެހިގެން މަރުވި ހަ ވަނަ މީހާ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓި ވި މީހުންގެ ޖުމުލަ އަދަދު ވަނީ 5494 އަށް އަރައިފަ އެވެ.