މާލެ-ތިލަފުށި ބުރިޖާއި ޕޯޓުގެ މަސައްކަތް ތިން އަހަރުތެރޭ ނިމޭނެ ކަމަށާއި އެކަމަށް ނެގި ލޯނު ދެ ޕަސަންޓަށް ވުރެ ކުޑަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ފައްޔާޒު ވިދާޅުވީ އަމާޒަކީ ދައުރުގައި ކަންކަން ކުރުމަށްވުރެ ބޮޑަށް ރަނގަޅު ކަންކަން ކުރުން ކަމަށާއި ނަމަވެސް އުންމީދަކީ މި ސަރުކާރުން ކުރަން ފަށާ ކަންކަން މި ވެރިކަމުގައި ނިމިގެން ދިއުމުގެ ކުރިން ރައްޔިތުންނަށް ފެނުން ކަމަށެވެ.
"އަޅުގަނޑުމެން ޕޯޓް ވެސް ބްރިޖު ވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ގިނަވެގެން ދެ އަހަރު ބައި ނުވަތަ ތިން އަހަރު ތެރޭ ރައްޔިތުންނަށް ހިދުމަތް ލިބުގެންދާނެ،" ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރު ފަހުކޮޅު ޕޯޓް މަސައްކަތުގެ ކޮންޓްރެކްޓް ހަވާލުކޮށް ނިމޭނެ ކަމަށާއި އެގްޒިމް ބޭންކާއެކު މިހާރުވެސް އޭގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު، ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި ބްރިޖުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ދެ ޕްރޮޖެކްޓަކީ ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރުގެ ދެ ޕްރޮޖެކްޓް، ބައެއް ބޭފުޅުން ލިޔުއްވާފައި އެބަހުރޭ ބޮޑު އިންޓްރެސްޓްގައޭ. ނޫން ވަރަށް ކުޑަ އިންޓްރެސްޓެއްގައި. ދެ ޕަސެންޓަށްވުރެވެސް ކުޑަ އިންޓްރެސްޓެއްގައި އެ ލޯނު މި ނަގަނީ. އެއީ އެންމެ ކުޑަކޮށް ލޯނު ލިބޭނެ ގޮތް މިކަހަލަ ޕްރޮޖްކެޓަށް،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ކޮވިޑާ ގުޅިގެން ގައުމުގެ އިގުތިސޯދަށް އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި މިފަދަ ޕްރޮޖެކްޓްތައް ކުރިއަށްގެންދެވެން ފެށުމުން ރާއްޖޭގައި އިގުތިސޯދީ ހަރަކާތްތަކެއް ކުރިއަށްގެންދެވި، މި ވެއްޓިފައިވާ އަނދަވަޅުން އަރައިގަންނަންދެން މި ހަރަކާތްތައް ކުރިއަށް ގެންދެވިގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ދެ މަޝްރޫއުގެ މަސައްކަތްތައް ނިމުމުން ރާއްޖޭގެ އިގުތިސޯދަށާއި އާންމު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު