އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރި އެމްޑީޕީގެ މަޖިލިސް މެންބަރުންނާ ދިމާނުކުރައްވައި، ނިޒާމުގެ ތެރޭގައި އުޅުއްވުމަށް ފައްޔާޒަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުގައި ފައްޔާޒާ ދެމެދު ދެކެވުނު ވާހަކަތަކެއްގެ ތެރެއިންނެވެ.
"ފަޔާ ވެސް ބްރޯ ވެގެން ނޫޅޭ. ނިޒާމުގެ ތެރޭގައި އުޅުއްވާ،" އެ ގްރޫޕުގައި ނަޝީދު ވިދާޅުވެފައިވެއެވެ.
ނަޝީދު ވިދާޅުވީ ފައްޔާޒްގެ އިތުބާރު ނެތް ކަމަށް ބުނާ 30 މެންބަރުންނާ ދިމާކޮށްގެން ނުވާނެ ކަމަށެވެ. އަދި ނަޝީދު ވެސް ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނުކުންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ވަޓްސްއެޕް ގްރޫޕުގައި ފައްޔާޒް ވިދާޅުވީ ނަޝީދަށް ވަރަށް އިހުތިރާމުކުރާ ކަމަށާއި ނަމަވެސް ނަޝީދު ދައްކަވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެހެން ވިދާޅުވުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަ ތަގުދީރުގައި ލިޔެވިފައި އޮތް ގޮތަކަށް ނިމިދާނެ ކަމަށާއި ހެޔޮ ބަސް ވިދާޅުވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
އެ ގްރޫޕުގައި ނަޝީދު ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވެސް ކުރިއަށްނުދާކަން ފާހަގަކުރައްވައިފައެވެ. އެކަމާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ ސަރުކާރަށް ދޮޅު އަހަރު ވެގެންދިޔަ އިރު، އެންމެ ހައުސިން ޕްރޮޖެކްޓެއްގައި ވެސް ސޮއިކުރެވިފައި ނުވާ ކަމަށެވެ.
"އެންމެ އަންސޮލިސިޓެޑް ޕްރޮޖެކްޓެއް އެވޯޑު ކުރެވިފައެއް ވެސް ނެތް. ގުޅީފަޅު ޑިޒައިން ކުރީ މާލޭގައި ދިރިއުޅޭ މީހުންނަށް ނުވާ ގޮތަށް. ރައްޔިތުންނާއި ޕާޓީ އަދި ސަރުކާރު ދުރުވާތަން މި ފެންނަނީ،" ނަޝީދު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ ކަންތަކުގައި އެންމެ އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމެވެ.
ކެބިނެޓު މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދޭނީ މަދުވެގެން 10 މެންބަރުންގެ ސޮއި ލިބިގެންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ މުޅި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިފަދަ ހުށަހެޅުމަކާ މެދު މަޖިލީހުގައި ބަހުސް ފެށުމުގެ ކުރީން އެ ވަޒީރަކަށް 14 ދުވަހުގެ ނޯޓިސް ދޭން ޖެހެނޭ ކަމަށް ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ށ ގައި ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު