ރާއްޖެ އެދެނީ ދުނިޔޭގެ ހަމްދަރުދީއަކަށް ނޫން ކަމަށާއި އެދެނީ އިންސާފަށާއި، ޒިންމާ އަދާކުރުމަށާއި، އަމަލީ ފިޔަވަޅުތައް އެޅުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތުރުކީގައި ކުރިއަށްދާ ދުނިޔޭގެ ވެރިން ބައިވެރިވާ މޫސުމީ ބަދަލުގެ ބައިނަލްއަގުވާމީ ކޮންފަރެންސް، ކޮޕް 31 ގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ގައުމުތަކަށް އޮތް ޒިންމާތައް ފުރިހަމަކޮށް، ވެފައިވާ ވައުދުތަކަށް އަމަލުކުރަން ޖެހޭ ކަމަށެވެ.
މޫސުމީ ބަދަލުގެ ކާރިސާ އުފެއްދުމުގައި ރާއްޖޭގެ ދައުރު ވަރަށް މަދުކަމުގައިވާ އިރު، އެ ކާރިސާއިން އަރައިގަތުމަށް ދަރަނިވުން ބަލައިނުގަނެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. މޫސުމީ ބަދަލުން އަރައިގަތުމުގެ އަގަކީ ގައުމުތައް ނުހިނގާނެ ވަރަށް ދަރަނިވުން ކަމަށް ވެގެންނުވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް ފަހަނައަޅައި ދިއުމުގެ ހަގީގަތާ ދުނިޔެ ކުރިމަތިލަމުންދާ މިވަގުތު، މޫސުމީ ބަދަލުގެ ކާރިސާ އިތުރަށް ބޮޑުވަމުންދިއުމާއެކުވެސް، އެ ބަދަލުތަކުން އަރައިގަނެ، އާ ފިކުރުތައް އުފައްދައި، ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް ރާއްޖެ އިސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މި ކޮންފަރެންސްގައި ރައީސް އިސްކަންދެއްވީ މުހިންމު ތިން ކަމަކަށެވެ. އެއީ މާލީ އެހީ، ބައިނަލްއަގުވާމީ މާލީ ނިޒާމުގައި އިސްލާހު ގެނައުމާއި، ވައުދުތައް އަމަލީ ގޮތުން ތަންފީޒުކުރުމެވެ.
ރައީސް ވިދާޅުވީ ތަރައްގީވެފައިވާ ގައުމުތަކުން މޫސުމީ ބަދަލާ ގުޅޭ މާލީ އެހީ ފޯރުކޮށްދިނުމުގެ ޒިންމާ ފުރިހަމަކުރަން ޖެހޭ ކަމަށެވެ. އަދި އެ އެހީއަކީ ލޯނުގެ ބަދަލުގައި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއެއް ކަމުގައި ވާން ޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ގްރީން ކްލައިމެޓް ފަންޑަށް އަލުން ފައިސާ ފޯރުކޮށް، އެޑެޕްޓޭޝަން ފަންޑަށް ފައިސާ ޖަމާކޮށް، ލޮސް އެންޑް ޑެމޭޖް ފަންޑަށް ފުދޭވަރަށް ފައިސާ ހޯދައިދިނުމުގެ މުހިއްމުކަން ރައީސް ފާހަގަކުރެއްވިއެވެ.
ބައިނަލްއަގުވާމީ މާލީ ނިޒާމުން ތަރައްގީވަމުންދާ ކުދި ގައުމުތަކުގެ ހާއްސަ ނާޒުކުކަންތައް ބަލަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކާއި ކްރެޑިޓް ރޭޓިން އޭޖެންސީތަކުން، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރާ އިންވެސްޓްމަންޓްތައް ބަލަމުން އަންނަ ގޮތަށްވެސް އިސްލާހު ގެނައުން މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ފަރާތުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކާނާއާއި ހަކަތައާއި ފެނުގެ ސަލާމަތްކަން ޔަގީންކުރުމަށް ރޭވިފައިވާ ގޮތެއްގައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ރަށްރަށުގައި ސާފު ހަކަތަ ފުޅާކުރުމުން އިއާދަކުރަނިވި ހަކަތައާ ގުޅޭ އަމާޒުތައް ހާސިލުކުރުމުގެ މަގުގައި ރާއްޖެ ކުރިއަށްދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ފާއިތުވި މަހު ރާއްޖޭގެ ގައުމީ ޑައިރެކްޓް އެކްސެސް އެންޓިޓީއަށް ގްރީން ކްލައިމެޓް ފަންޑުގެ އެކްރެޑިޓޭޝަން ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެއާއެކު ރާއްޖެ ވެފައިވަނީ އޭޝިއާގެ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކުގެ ތެރެއިން އެކަން ހާސިލުކުރި ފުރަތަމަ ގައުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އަމަލީގޮތުން ތަންފީޒުކުރުމެއް ނެތް އަމާޒަކީ ހަމައެކަނި ވައުދެއް ކަމަށެވެ. އެ ވައުދުތައް ތަންފީޒުކުރުމަށް މާލީ އެހީއާއި، ޓެކްނޮލޮޖީ ހުނަރު ފޯރުކޮށްދިނުމާއި، ސިޔާސީ އަޒުމު ބޭނުންވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ކޮޕް 31 އިން ވައުދުތައް މާނަހުރި ނަތީޖާތަކަށް ބަދަލުކުރެވޭނީ ބައިނަލްއަގުވާމީ އެއްބާރުލުމުންކަން ދެއްކުމަށް ރައީސް ގޮވާލެއްވިއެވެ. އެ ނަތީޖާތަކުގެ ފައިދާ މިއަދުގެ ޖީލަށާއި އަދި ކުރިއަށް އުފެދޭނެ ޖީލުތަކަށް ލިބެން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް