މޫސުމީ ބަދަލުގެ ކާރިސާ އުފެއްދުމުގައި ރާއްޖޭގެ ދައުރު ވަރަށް ކުޑަ ކަމުގައިވާ އިރު، އެ ކާރިސާއިން އަރައިގަތުމަށް ދަރަނިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތުރުކީގައި ކުރިއަށްދާ ދުނިޔޭގެ ވެރިން ބައިވެރިވާ ކޮޕް 31 ގެ ޖަލްސާގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މޫސުމީ ބަދަލުގެ އަސަރުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ނަތީޖާއަކީ ގައުމުތައް ނުހިނގާނެ ވަރަށް ދަރަނިވުން ކަމުގައި ވެގެން ނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ތަރައްގީވެފައިވާ ގައުމުތަކުން މޫސުމީ ބަދަލާ ގުޅޭ މާލީ އެހީ ފޯރުކޮށްދިނުމުގެ ޒިންމާ ފުރިހަމަކުރަން ޖެހެއެވެ. އެ އެހީއަކީ ލޯނުގެ ބަދަލުގައި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއެއް ކަމުގައި ވާން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މޫސުމީ ބަދަލާ ގުޅޭ ގްރީން ކްލައިމެޓް ފަންޑަށް އަލުން ފައިސާ ފޯރުކޮށް، އެޑެޕްޓޭޝަން ފަންޑަށް ފައިސާ ޖަމާކޮށް، ލޮސް އެންޑް ޑެމޭޖް ފަންޑަށް ފުދޭވަރަށް ފައިސާ ހޯދައިދިނުމުގެ މުހިއްމުކަން ރައީސް ފާހަގަކުރެއްވިއެވެ.
މިގޮތުން ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މާލީ ނިޒާމުގައި އިސްލާހު ގެނައުމުގައި، ތަރައްގީވަމުންދާ ކުދި ގައުމުތަކުގެ ހާއްސަ ނާޒުކު ކަމަށް ބަލަން ޖެހޭ ކަމަށާއި ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކާއި ކްރެޑިޓް ރޭޓިން އޭޖެންސީތަކުން، މޫސުމީ ބަދަލުތަކަށް ކުރާ އިންވެސްޓްމަންޓްތައް ބަލައިގަންނަ ގޮތަށް ވެސް އިސްލާހު ގެނައުން މުހިންމު ކަމަށެވެ.
ރާއްޖެއިން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކާނާއާއި ހަކަތައާއި ފެނުގެ ސަލާމަތްކަން ޔަގީންކުރުމަށް ރޭވިފައިވާ ގޮތެއްގައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ރަށްރަށުގައި ސާފު ހަކަތަ ފުޅާކުރުމުން އިއާދަކުރަނިވި ހަކަތާ ގުޅޭ އަމާޒުތައް ހާސިލުކުރުމުގެ މަގުގައި ރާއްޖެ ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ފާއިތުވި މަހު ރާއްޖޭގެ ގައުމީ ޑައިރެކްޓް އެކްސެސް އެންޓިޓީއަށް ގްރީން ކްލައިމެޓް ފަންޑުގެ އެކްރެޑިޓޭޝަން ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެއާއެކު ރާއްޖެ ވެފައިވަނީ އޭޝިއާގެ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކުގެ ތެރެއިން އެކަން ހާސިލުކުރި ފުރަތަމަ ގައުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އަމަލީގޮތުން ތަންފީޒުކުރުމެއް ނެތް އަމާޒަކީ ހަމައެކަނި ވައުދެއް ކަމަށެވެ. އެ ވައުދުތައް ތަންފީޒުކުރުމަށް މާލީ އެހީއާއި، ޓެކްނޮލޮޖީ ހުނަރު ފޯރުކޮށްދިނުމާއި، ސިޔާސީ އަޒުމު ބޭނުންވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖެ އެދެނީ ހަމްދަރުދީއަކަށް ނޫން ކަމަށާއި ރާއްޖެއިން އެދެނީ އިންސާފަށާއި، ޒިންމާ އަދާކުރުމަށާއި، އަމަލީ ފިޔަވަޅުތައް އެޅުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮޕް 31 އިން ވައުދުތައް މާނަހުރި ނަތީޖާތަކަށް ބަދަލުކުރެވޭނީ ބައިނަލްއަގުވާމީ އެއްބާރުލުމުންކަން ދެއްކުމަށް ރައީސް ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް