މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކުންފުންޏަކަށް ދޫކުރި 500،000 ޑޮލަރުގެ ލޯނު ފެސިލިޓީއަކަށް ފައިސާ ނުދައްކާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދާއި އިތުރު ހަތަރު މީހެއް އަދި ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ "ސޭލް އެންޑް ލީސްބެކް ފެސިލިޓީ"ގެ ގޮތުގައި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި 500،000 ޑޮލަރު އެއްބަސްވެފައިވާ ގޮތަށް އަނބުރާ ނުދެއްކުމުން، އެމްއައިބީން އުފުލާފައިވާ ދައުވާއެކެވެ.
ކުރިއަށްއޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ޝަމްހީދުގެ މައްޗަށް ހުކުމްކޮށްފައިވަނީ، ލޯނަށް ގެރެންޓީ ދިން މީހުންގެ ތެރޭގައި ހިމެނޭތީއެވެ.
ގެރެންޓީ ދިން މީހުން:
- އަހުމަދު އަސްލަމް، އޯކިޑްވިލާ، ގއ. ދެއްވަދޫ
- އަހުމަދު ސައީދު، ސައިމާގެ، ގއ. ދެއްވަދޫ
- އަހުމަދު ޝަމްހީދު، ގޯތި ނަންބަރު 11088 (ވާރެގެ)، މާލެ
- މުހައްމަދު ހަމްދާން ބާގިރު، ފެހިވިދުވަރުގެ، ސ. ހުޅުދޫ
- މުހައްމަދު ފިޔާޒް، ސެވަންސީ، ގއ. ދެއްވަދޫ
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ އެމްއައިބީން 500،000 ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ދޫކޮށްފައިވާކަން ސާބިތުވާ ކަމަށާއި "ޑުޕްލެކްސް ކްރޫޒް" ސަފާރީ ރަހުނުކޮށްފައިވާކަން ސާބިތުވާކަން ކަނޑައަޅައި ފެސިލިޓީއާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި ހަލާސްކުރެވި، ފެސިލިޓީ ބަންދުކުރެވެންދެން ރަހުނު އެގްރީމެންޓުގެ ދަށުން ބޭންކަށް ލިބިފައިވާ އެންމެހާ އިލްތިޒާމުތަކާއި ހައްގުތަކާއި އަދި ބާރުތައް ބާތިލުނުވެ ދެމިގެންދާނެ ކަމަށް ކަނޑައަޅާ ކަމަށެވެ.
ފެސިލިޓީގެ ބާކީގައި މިމަހުގެ 4 ގެ ނިޔަލަށްވާ 244،826.52 ޑޮލަރާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 36،647.76 ޑޮލަރު އަދި އެ ފެސިލިޓީއަށް މަހުންމަހަށް އަރަމުންދާ "މަންތުލީ ރެންޓަލް" ފައިސާއާއި، ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާއާއި، ފެސިލިޓީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހި ނުދައްކައިވާ އެންމެހައި ފައިސާ އެމްއައިބީއަށް ލިބުދިނުމުގެ ގޮތުން، ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ އެމްއައިބީއަށް ދައްކަމުންގޮސް، 10 ނޮވެމްބަރު 2026 އިން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ދަރަނި ދައްކައި ހަލާސްކުރުމަށް ކުންފުންޏާއި ފަސް މީހުންގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމްކޮށްފައިވަނީ އެ ފަރާތްތަކުގެ ގައިރު ހާޒިރުގައެވެ.
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް
ކޮމެންޓް