އިންޑިއާއިން ރާއްޖެއަށް ދޭން އިއުލާންކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ބޮޑު ހަތް މަޝްރޫއެއް ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރު މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
އިންޑިއާ އިން ރާއްޖެއަށް 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ދޭން އިއުލާންކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން ޑިސެމްބަރު މަހުގެ ތެރޭގައި އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފިނޭންސް މިނިސްޓްރީ އާއި އިންޑިއާގެ އެގްޒިމް ބޭންކާ ދެމެދު ސޮއިކުރީ މާޗް 2019 ގަ އެވެ.
މި ލައިން އޮފް ކްރެޑިޓްގެ ދަށުން ދިވެހި ސަރުކާރުން ހުށަހަޅާ މަޝްރޫއުތަކަށް އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ދޫކުރާނެ އެވެ. މި ލޯނުތަކަކީ ވެސް ފަސް އަހަރު ފަހުން ދައްކަން ފަށައި 15 އަހަރުދުވަހުގެ ތެރޭގައި ހަލާސް ކުރަން ޖެހޭ ލޯނުތަކެކެވެ. މި ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ.
ފޮރިން މިނިސްޓްރީން ބުނީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކުގެ ތެރެއިން އެ ކްރެޑިޓް ލައިންގެ ތެރެއިން ބޮޑު ހަތް މަޝްރޫއެއް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
އެގޮތުން ރައްޔިތުންނާ ގުޅިފައިވާ އަދި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ އެ މަޝްރޫއުތައް ވީހާވެސް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިޔުމުގެ މުހިއްމުކަން ދެ ގައުމުގެ ހާރިޖީ ވަޒީރުން ވެސް ފާހަގަކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
- 1. 34 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުން
- 2. އައްޑޫގައި މަގު ހަދައި ފެންބޮޑުވާ މައްސަލަ ހައްލުކުރުން އަދި ބިން ހިއްކުން
- 3. ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް ގާއިމްކުރުން
- 4. ބައިނަލްއަގްވާމީ ޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް
- 5. ހުޅުމާލޭގައި 100 އެނދުގެ ކެންސަރު ހޮސްޕިޓަލެއް ގާއިމްކުރުން
- 6. ގެމަނަފުށި އަދި ފެލިވަރު މިފްކޯ ފެސިލިޓީ ތަރައްގީކުރުން
- 7. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުން
ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "ވަން" އަށް ވިދާޅުވީ، މި ހަތް މަޝްރޫއުގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށެވެ. އަދި 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި އައްޑޫ ތަރައްގީގެ މަޝްރޫއުތަކާއި ހުޅުމާލެ ކްރިކެޓް ސްޓޭޑިއަމް އަދި ޕޯޓް ޑިވެލޮޕްމަންޓް މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ހައި އިމްޕެކްޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގެ ދެވަނަ ބުރަކަށް ހިލޭ އެހީ ދިނުމާ ގުޅޭ ގޮތުން ވެސް އިންޑިއާ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއެކު މިނިސްޓަރު ޝާހިދު މަޝްވަރާ ކުރެއްވިއެވެ.
މި ޕްރޮޖެކްޓްގެ ފުރަތަމަ ބުރުގައި އިންޑިއާއިން ދިން 106 މިލިއަން ރުފިޔާއިން 19 ޕްރޮޖެކްޓަކަށް ފައިނޭންސް ކޮށްފައިވެ އެވެ. މި ޕްރޮޖެކްޓްތައް ހިންގަނީ 18 އަތޮޅެއްގެ 74 ރަށެއްގަ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު