ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުން އައިސޮލޭޝަނަށް ގެންދިއުމާ ހަމައަށް އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑުގެ އެއްވެސް އަލާމާތެއް ފެނުމުން އަދި ޕޮޒިޓިވްކަން އެނގުމުން ވީހާ އަވަހަކަށް އެމީހަކު އެކަހެރި ކުރުމަށާއި ގޭގޭގައި ތިބޭ އުމުރުން ދުވަސްވީ މީހުންނާއި ތަފާތު ބޮޑެތި ބަލިތަކުގެ މީހުންނަށް ބަލިޖެހި ނުރައްކާވުން ކުޑަކުރުމަށްޓަކައި ބޮޑު އިސްކަމެއްދޭ ކަމަށެވެ.
އެގޮތުން ސިއްހީ މާހިރުންގެ ލަފަޔާއެކު ސަރުކާރުން މިވަގުތު ކަނޑައަޅާފައިވަނީ މާލޭގައި ބައްޔަށް ޕޮޒިޓިވް ވާ މީހުން ސަރުކާރުން ކަނޑައަޅާ ތަނެއްގައި އެކަހެރިކުރުން ކަމަށްވާއިރު ފެސިލިޓީއަކަށް ގެންދިއުމުގައި 60 އަހަރުން މަތީގެ މީހުންނަށާއި ހަކުރު ބަލި، ހިތުގެ ބަލި، ކިޑްނީ ބަލި ފަދަ ކޮވިޑް ޖެހުމުން ނުރައްކާވެދާނެ ފަދަ ބަލިތަކަށް ބޭސްފަރުވާ ކުރަމުން އަންނަ މީހުންނަށް އިސްކަންދޭ ކަމަށެވެ.
އޭގެ އިތުރުން އުމުރުން ދުވަސްވީ މީހުން ކޮވިޑް ޖެހުމުން ނުރައްކާވެދާނެ ފަދަ ބަލިތަކަށް ބޭސްފަރުވާކުރާ މީހުންނާއެކުގައި ދިރިއުޅޭ މީހުން ވެސް ފެސިލިޓީއަކަށް ގެންދިއުމަށް އިސްކަންދޭ ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުމުން ވީހާ އަވަހަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ އެމީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ހުއްޓުވުމަށް ކޮންމެހެން މުހިންމު ކަމެއް ކަމެއްގެ އިތުރުން މުޖުތަމައުގައި ބަލި ފެތުރޭ މިންވަރު ކުޑަކޮށްދޭނެ ކަމެއް ކަމަށެވެ.
އެގޮތުން ގެއިން ބޭރުގައި ހުއްޓާ ޕޮޒިޓިވްވިކަން އެނގިއްޖެނަމަ އަވަހަށް ސާޖިކަލް މާސްކު އަޅައިގެން ގެޔަށް ދިއުމަށާއި އެހެން މީހަކު އިން ދުއްވާ އެއްޗެއްގައި ގެއަށް ދިއުމުގެ ބަދަލުގައި ހިނގާފައި ވީހާ އަވަހަށް ގެއަށް ދިއުމަށާއި އަދި އެގޮތަށް ދެވެން ނެތްނަމަ މީހުންނާ ވީހާވެސް އެކަހެރިކޮށް ރައްކާތެރިކަމާއެކު ސާޖިކަލް މާސްކު އަޅައިގެން ގެއަށް ގޮސް ގޭގެ ވަކި ކޮޓަރިއެއް ހުރިނަމަ ކޮޓަރީގައި އެކަހެރިވުމަށް އުސޫލުގައި ބުނެފައިވެ އެވެ.
ނަމަވެސް ވަކި ކޮޓަރިއެއް ނެތް ނަމަ ސާޖިކަލް މާސްކު އަޅައި އެހެން މީހުންނާ އެކަހެރިވެގެން ހުރުމަށާއި ގޭގައި ދިރިއުޅޭ އެހެން މީހުން ވެސް ސާޖިކަލް މާސްކު އަޅަން އުސޫލުގައި ވެއެވެ.
ގޭގައި ހުއްޓައި ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިއްޖެނަމަ ގޭގައި ވަކި ކޮޓަރިއެއް ހުރިނަމަ އެތަނެއްގައި އެކަހެރި ވުމަށާއި އަދި ވަކި ކޮޓަރިއެއް ނެތްނަމަ މާސްކު އަޅައި އެހެން މީހުންނާ އެކަހެރިވެގެން ހުރުމަށާއި ގޭގައި ދިރިއުޅޭ އެހެން މީހުން ވެސް ސާޖިކަލް މާސްކު އަޅަން އުސޫލުގައި ބުނެފައިވެ އެވެ.
ޕޮޒިޓިވްވާ މީހުންގެ ޒިންމާތަކާއި އާއިލާ ނުވަތަ ގޭބިސީގައި ދިރިއުޅޭ މީހުންގެ ޒިންމާތައް ވެސް އުސޫލުގައި ބުނެފައި ވެއެވެ. އޭގެ ތެރޭގައި ގޭގައި ދިރިއުޅޭ އެހެން މީހުންނާއި އެމީހާގެ ރައްކާތެރިކަމަށްޓަކައި ފެސިލިޓީއަށް ގެންދިއުމަށް ބަލައި ދިއުމުން އިންކާރު ނުކޮށް ދިއުމަށާއި ކޮޓަރިން ނުކުންނަން ޖެހިއްޖެ ހާލަތުގައި ނުވަތަ އެހެން މީހަކު ކޮޓަރިއަށް ވަންނަން ޖެހޭ ހާލަތުގައި ޕޮޒިޓިވް ވާ މީހާ އާއި ގޭގެ އެހެން މީހުން މާސްކު އެޅުމަށް ބުނެފައި ވެއެވެ.
އޭގެ އިތުރުން ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރީ ވެ، ތަމޯމީޓަރެއް ބޭނުންކޮށްގެން ދުވާލަކު އެއްފަހަރު ހުން ބެލުމާއި ޕޯޓަލް މެދުވެރިކޮށް އެމީހެއްގެ ސިއްހީ ހާލަތު ކޮންމެ ދުވަހަކު ވެސް ހިއްސާ ކުރުމަށާއި އަދި ނޭވާލުމަށް އުދަނގޫ ވެ، ސިއްހީ ހާލަތު ގޯސްވާކަމަށް ފެނިއްޖެނަމަ ލަސްނުކޮށް މާލޭގައިނަމަ 1676 އަށް ގުޅުމަށް އުސޫލުގައިވެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)